އެމެރިކާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް 26000 ވޮލަންޓިއަރުން ހޯދަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މަސައްކަތް ފަށައިފި އެވެ.
އެ ޖަމާއަތުން ބުނީ ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ މަގުބޫލު މުބާރާތަށް މިހާ ގިނަ އަދަދަށް ވޮލަންޓިއަރުން ބޭނުންވަނީ ކުޅޭ ޓީމުތަކުގެ އަދަދާއި މުބާރާތް ކުޅޭ ސިޓީތަކުގެ އަދަދު އިތުރުވުމުން ކަމަށެވެ. ފީފާއިން ނިންމާފައިވަނީ މި މުބާރާތް އެމެރިކާގެ އިތުރުން ކެނެޑާ އާއި މެކްސިކޯގައި ވެސް ކުޅުމަށެވެ. މި ގޮތުން މި ތިން ގައުމުގެ 16 ސަރަހައްދެއްގައި މެޗުތައް ކުޅޭނެ އެވެ. ޖުމުލަ 39 ދުވަހަށް ދިގުދެމިގެންދާ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖޫން 11 އިން ފެށިގެންނެވެ.
"ވޮލަންޓިއަރުންނަކީ ފީފާގެ މުބާރާތްތަކުގެ ހިތް، ފުރާނަ. އެހެންވީމާ ވޮލަންޓިއަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް މި މުބާރާތަށް ވެސް ބޭނުންވާނެ. ހާއްސަކޮށް މުބާރާތް ކުޅޭ ސަރަހައްދުތަކުން ވޮލަންޓިއަރުން ލިބިއްޖެނަމަ ވަރަށް ފަސޭހަވާނެ،" ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވި އެވެ.
ފީފާއިން އަންދާޒާ ކުރަނީ މި މުބާރާތް ބަލަން 6.5 މިލިއަން މީހުން ދާނެ ކަމަށެވެ. އެއީ އެމެރިކާއިން 3.7 މިލިއަން މީހުންނާއި މެންސިކޯގައި 1.5 މިލިއަން މީހުން އަދި ކެނެޑާގައި 1.3 މިލިއަން މީހުން ހިމެނޭ ގޮތަށެވެ.
ފީފާ ވޯލްޑް ކަޕް އެންމެ ފަހުން ބޭއްވީ ގަތަރުގަ އެވެ. ފީފާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުބާރާތް 1.6 ބިލިއަން މީހުން ވަނީ ބަލައިފަ އެވެ. ވޯލްޑް ކަޕް 48 ޓީމަށް ބަދަލު ކުރުމަކީ ބައެއް ގައުމުތަކުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމެކެވެ.
ނަމަވެސް ފީފާއިން ބުނީ މިއީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި ފީފާ ވެސް ގިނަ ގައުމުތަކަށް ވޯލްޑް ކަޕުގައި ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމަކީ އެ ޖަމާއަތުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މެޗުތައް ގިނަވެގެން ނުވަތަ މުބާރާތް ދިގުވެގެން މައްސަލަ ޖައްސަންޖެހޭ ފަދަ ކަމެއް ދިމާވާ ނުވާ ކަމަށެވެ.