ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދޮންފަނަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 11 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދޮންފަނަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ދޮންފަނުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ދޮންފަނުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.
މިމަހުގެ 11އިން 14އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމަކީވެސް މިދަތުރުފުޅުތަކުގެ މަޤްސަދެކެވެ.