މިއަހަރު ތެރޭގައި ބ.ކިހާދޫގައި ކުޅިވަރު ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ފައްޓަވަން ރައިސޫލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ކިހާދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހާމަ ހާމަކުރައްވާފައެވެ.
ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާ އިން ތާވަލުކުރެވިފައި ހުރި މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށެވެ.
ކުޅިވަރު ދާއިރާގެ ވަކި މަޝްރޫއު ތަކުގެތެރޭގައި ކިހާދުގޭ ބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ލަސްކަން ފާހަގަކުރެއްވިއެވެ. ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވަމުންދާ ސަބަބުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މުޅި މަޝްރޫގެ ބައިތައް ކުރިއަށްދަނީ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކަމަށެވެ.
" އަޅުގަނޑުމެން ދަނޑުގެ މަޝްރޫއުތައް ގެންދަނީ ހުރިހާ ކަމެއް އޭގެތެރޭގައި ހިމެނޭ ގޮތައް، މި ދަންނަވާ ވާހަކައަކީ ލައިޓް ޖެހުމާ ހަމައަށް ފެންސާއި، ލައިޓާއި ހުރިހާ ކަމެއް ހިމެނޭހެން، ފުލް ސްކޯޕް ޕްރޮޖެކްޓެއް ގޮތައް މިހާރު ދަނޑުހެދުމުގެ މަޝްރޫތައް ގެންދަނީ." ރައީސް ވިދާޅުވިއެވެ.
މިހާރު ހަވާލުވެފަ ހުރި މަސައްކަތްތަކުގެ އިތުރުން ހުރިހާ ކަމެއް ހިމެނޭހެން ދަނޑުގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ކިހާދު ރައްޔިތުންނަށް ދެއްވާފައެވެ.
މި އަހަރާއި އަންނަ އަހަރަށް ކިހާދޫގައި ހިންގެވުމަށް ނިންމަވާފައިވާ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ކުޅިވަރުގެ މި ތިން މަޝްރޫވެސް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.