ދިވެހި ސަރުކާރުން ޤައުމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަސްތަކުގެތެރެއިން ހއ. އުތީމަށް އެންމެ ޚާއްސަ ދުވަހީ، ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. މި ދުވަހަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ރާއްޖެ ސަލާމަތްކޮށްދިނުމުގައި އުތީމު ބަންޑާރައިން ކުރެއްވި ޖިހާދުގެ ހަނދާން އައު ކުރުމަށް ފާހަގަކުރާ ދުވަހެވެ.
ޤައުމީ ދުވަސް މި އަހަރު މީލާދީގޮތުން ފާހަގަކުރަނީ އޮގަސްޓް މަހުގެ 24ވަނަ ދުވަހުއެވެ. ދުވަހަށް ތައްޔާރުވުމަށް އުތީމުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނިކުމެ އަންނަނީ، ތައްޔާރީތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން މި ދުވަހަށް ތައްޔާރުވުމަށް ޒަމާނުއްސުރެ ހިންގަމުން އަންނަ އެންމެ ބޮޑު އެއް ހަރަކާތަކީ ރަށް ސާފުކުރުމުގެ ބޮޑު ހަރަކާތެވެ.
އަންހެނުންނާއި ފިރިހެނުން ބައިވެރިވެގެން ބަހާލައިގެން ރަށުގައި ވަމުން އަންނަ ތައްޔާރީތަކުގެތެރެއިން، ރަށް ސާފުކުރުމުގެ މަސައްކަތުގައި މައިގަނޑުކޮށް ހަރަކާތްތެރިވަނީ، ރަށުގެ އަންހެންވެރިންނެވެ. މި މަސައްކަތުގައި ރަށުގެ ބޮޑެތި މަގުތަކާއި، ޕާކުތަކާއި، ވިނަހެދިފައި އޮންނަ ސަރަޙައްދުތައް ސާފުކުރެއެވެ. އަދި ޤައުމީ ދުވަހުގެ އެކިއެކި ހަރަކާތްތައް ބާއްވާ ސަރަޙައްދުތައްވެސް ޚާއްސަ ސަމާލުކަމެއް ދީގެން އަންނަނީ ސާފުކޮށް ޒީނަތްތެރިކުރަމުންނެވެ.
"މިއީ ވަރަށް ޤައުމީ ލޯބީގައި، ރަށު ލޯބީގައި އުތީމު ރައްޔިތުން ކުރަމުންދާ މަސައްކަތެއް. ޤައުމީ ދުވަސް މިހާރު ކުލަގަދަކޮށް އުތީމުގައި ފާހަގަކުރަން ނިންމީތީ އުފާކުރަން. ރައްޔިތުން ތިބީ ވަރަށް ފޯރީގައި." ރަށުން ވާހަކަދެއްވި އަންހެނުން ފާހަގަކުރިއެވެ.
ރަށް ސާފުކުރުމަށް ރަށުގެ އަންހެންވެރިން ނިކުންނަނީ ހަވީރުއެވެ. ނަމަވެސް ހަފްތާ ބަންދުގައި ހުރިހާ ވަގުތުތަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށްގެންދެއެވެ.
މި މަސައްކަތަށް ހިތްވަރުދިނުމަށް، ރަށުގެ ވަކިވަކި ފަރުދުންނާ މުވައްސަސާތަކުން އަންނަނީ، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސަޔާއި ކެއުންތައް މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކުގައި ބާއްވަމުންނެވެ.
އުތީމަކީ ޤައުމީ މުނާސަބާތުތަކުގައި، ކައުންސިލުން ގޮވާލާ ގޮވާލުންތަކަށް ރަށުގެ ކުދިބޮޑު އެންމެން އިޖާބަދީ، އެއްބައެއް ވަންތަގޮތުގައި މަސައްކަތް ކުރަމުން އަންނަ ރަށެވެ.
މި މަސައްކަތްތަކުގައި ރަށުގެ ދެ ޖިންސުގެ މީހުން ހިމެނެއެވެ. މިފަހަރުގެ ޤައުމީއަށް ތައްޔާރުވުމުގައި ރަށުގެ ފިރިހެނުން ހަރަކާތްތެރިވަމުންދަނީ، ރަށުގައި ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކުގައެވެ.
ޤައުމީ ދުވަސް ޖެހިޖެހިގެން 2 އަހަރަކު އުތީމުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.