ޚަބަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް


އިންޑިއާގެ ޓެމިލްނާޑޫގައި ކުރިޔަށް ގެންދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ ސާފިން ޓީމު ރާއްޖެއައުމުން ކުޅިވަރު ވުޒާރާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤް އިބްރާހިމް އާއި ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމީރެވެ. މީގެއިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް އަހުމަދެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ. އަދި ޖަޕާނުގައި އަންނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްއަށް ކޮލިފައިވުމަށް އިތުރު ދެ ޖާގަ ރާއްޖެއަށް ވަނީ ލިބިފައެވެ.

އެހެންކަމުން އޭޝިއަން ގޭމްސް ކޮލިފިކޭޝަނުގައި ރާއްޖޭން ޖުމްލަ 2 އަންހެން އެތުލީޓުންނާއި 2 ފިރިހެން އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު މިހާރުވަނީ ލިބިފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދީ 18 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބުދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރީ އަޙްމަދު އާގިލް (އަންމަޑޭ) އާއި އިސްމާޢީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަޙްމަދު (ހޫބްސް) އެވެ.

މި މުބާރާތުގެ ވުމަންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރީ މަރިޔަމް ރާހިލް ނަސީމް (އަޔާ)، ރިޝްތާ ސުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒް) އެވެ.