ޚަބަރު

ރައީސްގެ ބ. އަތޮޅު ދަތުރުފުޅު؛ ދެއްވީ ހަމަހަމަކޮށް ކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން


  • ބ. އަތޮޅުގައި މީހުންދިރިއުޅޭ 13 ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި

  • ރަށްރަށުގައި ނިމިފައިވާ ތަރައްޤީގެ ބައެއް މަޝްރޫއުތައް އިފްތިތާހުކުރެއްވި

  • ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް އިސްކަން ދެއްވާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ކޮންމެ ދަތުރުފުޅަކީވެސް ރައްޔިތުންނަށް އެތައް އުންމީދުތަކަކާއި އުފާވެރި ޚަބަރުތަކެއް ގެނެސްދެއްވާ ދަތުރުފުޅުތަކެކެވެ. އެގޮތުން މިހަފްތާގައި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީވެސް މިފަދަ އުންމީދީ ޚަބަރުތަކެއް އެއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި މީހުންދިރިއުޅޭ 13 ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރަށްރަށުގައި ނިމިފައިވާ ތަރައްޤީގެ ބައެއް މަޝްރޫއުތައް އިފްތިތާހުކުރައްވައި ބައެއް ރަށްރަށަށް މިހާރު ބޭނުންވެފައިވާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ވަނީ ފައްޓަވާފައެވެ.

އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫޢުތަކުގެ ތެރޭގައި، ރަށްރަށުގެ ސިއްޙީ ކަންކަން ކުރިއެރުވުމަށް ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްތަކެވެެ. އަދި އައު ހޮސްޕިޓަލުގެ ތަކުގެ މަސައްކަތައް އަޅުއްވާނެކަންވެސް އިއުލާންކުރެއވިއެވެ. މީގެ އިތުރުން ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމާއި ރަށްރަށުގެ ބަނދަރާއި، ބިން ހިއްކުން އަދި ރަށްގިރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.

މިދަތުރުފުޅުގެ ތެރެއިން ބައެއް ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވިއިރު، ސްކޫލް އިމާރާތްތައް އެޅުމާއި މި ހިނގާ 2025ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އިސްކަން ދެއްވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްް ނެތި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް ކަމަށެވެ.

"އަޅުގަނޑުމެން މި އިސްކަންދެނީ، މިހެންހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެކުޑަވިޔަސް، އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއެކީގައި، ކަންކަން ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމާ، އެގޮތުން ހުރިހާ ރަށެއްގައި މިކަންކަން ކޮށްދިނުމަށް މި މަސައްކަތް ކުރަނީ" މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޚިދުމަތް ފެށި އޭޓީއެމްތަކާއެކު، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ގާއިމްކޯށް ވަނީ ނިމިފައެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.