ޚަބަރު

ބްރެޒިލްގެ ސްކޮޑުގައި ނޭމާ ހިމަނައިފި


ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުގައި މަޝްހޫރު ފޯވަޑް ނޭމާ ޖޫނިއަރ ހިމަނައިފި އެވެ.

ބްރެޒިލްގެ ކޯޗު އިޓަލީގެ ކާލޯ އެންޗެލޮއްޓީ އިއްޔެ އިއުލާން ކުރި 26 ކުޅުންތެރިންގެ ތެރޭގައި އުމުރުން 34 އަހަރުގެ ނޭމާ ހިމަނާފައިވާއިރު އޭނާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ނޭމާ ވަނީ ބްރެޒިލް އަށް މިހާތަނަށް ކުޅުނު 128 މެޗުގައި 79 ލަނޑު ޖަހާފަ އެވެ.

އަނިޔާގެ ސަބަބުން ފަހަކަށް އައިސް އެންމެ އެދެވޭ ކުޅުން ނުދެއްކިހުރި ނޭމާ ސައުދީ ޕްރޯ ލީގުގައި ކުޅުމަށްފަހު ބްރެޒިލްގެ ސަންޓޯސް އަށް ބަދަލުވެފައިވަނީވެސް ވޯލްޑްކަޕްގައި ވާދަކުރާ ޓީމުން ފުރުސަތު ހޯދުމުގެ ގޮތުންނެވެ. ނޭމާ އެންމެ ފަހުން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2023 ވަނަ އަހަރު އެވެ.

އަންނަ ޖުން މަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ސްކޮޑުން ނޭމާ އަށް ފުރުސަތު ދީފައިވާއިރު މިއީ އޭނާ ކުޅޭ ހަތަރުވަނަ ވޯލްޑްކަޕެވެ. އޭނާ ވަނީ މީގެ ކުރިން 2014 އާއި 2018ގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލް އަށް ކުޅެފަ އެވެ.

ބްރެޒިލްގެ ސްކޮޑު އިއުލާން ކުރުމަށްފަހު އެންޗެލޮއްޓީ ބުނެފައިވަނީ ނޭމާއަށް ފުރުސަތު ދޭން ނިންމީ އެންމެ ފަހު ވަގުތު ކަމަށެވެ.

"ނޭމާއަށް ފުރުސަތު ދޭން ނިންމީ އެންމެ ފަހު ވަގުތު އޭނާގެ ފިޓްނަސްގެ އިތުރުން އަނިޔާއިން އެއްކޮށް ރަގަޅު ވެފައިވާތީ." އެންޗެލޮއްޓީ ބުންޏެވެ.

ނޭމާގެ އިތުރުން އަނިޔާގެ ސަބަބުން ލިވަޕޫލް އެންމެ ފަހުން ކުޅުނު 10 މެޗުވެސް ނުކުޅެހުރި ގޯލުކީޕަރު އެލިސަން ބެކަރ އަށްވެސް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ. މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ކަސެމީރޯ އާއި މެތިއުސް ކޫނިޔާ އާއި ނިއުކާސަލްގެ ބްރޫނޯ ގުއިމަރައޭސް އާއި އާސެނަލްގެ ގެބްރިއަލް ވަނީ ޓީމުގައި ހިމަނާފަ އެވެ.

ނަމަވެސް މި ސީޒަނުގައި ޗެލްސީ އަށް 15 ލަނޑު ޖަހައިދީފައިވާ ޖޮއާއޯ ޕެޑްރޯ އަށް ސްކޮޑުން ފުރުސަތު ލިބިފައެއް ނުވެއެވެ.

ފަސް ފަހަރު މަތިން ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން މަހުގެ 13 ވަނަ ދުވަހު މޮރޮކޯ އާއި ދެކޮޅަށެވެ.