ކުޅިވަރު

ޗެލްސީ ކުޅުންތެރިންގެ ބޯނަސްގެ ބައެއް ޖޮޓާގެ އާއިލާ އަށް


އިނގިރޭސި ކުލަބު ޗެލްސީން ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ކުޅުންތެރިންނަށް ދޭ ބޯނަސްއިން ބައެއް ޕޯޗުގަލްގެ ފޯވަޑް ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާގެ އާއިލާ އަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ލިވަޕޫލަށް ކުޅުނު ޖޮޓާ އާއި އަންދްރޭ މަރުވީ ސްޕޭނުގައި ކާރު ދުއްވަނިކޮށް އެކްސިޑެންޓްވެ އެވެ. މިއާއެކު ޖޮޓާގެ ހަނދާނުގައި ލިވަޕޫލާއި އިނގިރޭސި ކުލަބުތަކުން ވަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އުމުރުން 28 އަހަރުގެ ޖޮޓާ މަރުވިއިރު އަންހެނުންނާއިކުޑަކުޑަ ތިން ކުދިން އެބަތިއްބެވެ.

އެމެރިކާގައި މިދިޔަ މަހު ނިމުނު ކުލަބު ވޯލްޑް ކާމިޔާބު ކުރުމުން ޗެލްސީ އަށް ވަނީ 114 މިލިއަން ޑޮލަރު ލިބިފަ އެވެ. މީގެ ތެރެއިން ކުޅުންތެރިންނަށް ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވަނީ 15.5 މިލިއަން ޑޮލަރެވެ. ޗެލްސީން ބުނެފައިވަނީ އެ ކުލަބުގެ ކުޅުންތެރިންގެ ބޯނަސްއިން ބައެއް ޖޮޓާގެ އާއިލާ އަށް ހަދިޔާ ކުރަން ހުރިހާ ކުޅުންތެރިން ވެސް މިހާރު އެއްބަސްވެފައިވާ ކަމަށެވެ. މި ގޮތުން ކޮންމެ ކުޅުންތެރިއަކު ވެސް ބޯނަސްގެގެ ގޮތުގައި ލިބޭ 500000 (ފަސް ލައްކަ) ޑޮލަރުން ބައެއް އާއިލާ އަށް ހަދިޔާ ކުރާނެ އެވެ.

ލިވަޕޫލުން ވެސް ވަނީ ޖޮޓާ މަރުވުމުން އޭނާގެ ހަނދާނުގައި އާއިލާ އަށް ވަކި މުއްދަތެއް ވަންދެން މުސާރަ ދޭން ނިންމައިފަ އެވެ. އަދި އެ ކުލަބުގައި އޭނާ ބޭނުން ކުރި 20 ނަންބަރު ޖާޒީ ވެސް ވަނީ ރިޓަޔާ ކުރުވަން ނިންމައިފަ އެވެ.