މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅިއަށް ވަންނަން މަސައްކަތް ކުރި އެމެރިކާގެ އަސްކަރީ މަނަވަރަކަށް އީރާނުން ޙަމަލާދީ، ހުއްޓުވައިފިއެވެ.
އީރާނުގެ ކަނޑުގެ ސިފައިންނާ ޙަވަލާދީ، އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ، ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާގެ އަސްކަރީ މަނަވަރެއް، ހުރްމުޒްއަށް ވަންނަން މަސައްކަތް ކުރުމުން، މިސައިލް ޙަމަލާދީ ހުއްޓުވާފައިވާ ކަމަށެވެ.
އެ މަނަވަރަށް ދެ މިސައިލް ޙަމަލާދިނީ، އީރާނުގެ ކަނޑުގެ ސިފައިންގެ އަމުރުތަކަށް ތަބާވާން ދެކޮޅު ހެދުމުންކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން އީރާނުން ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުން، މުދާއުފުލާ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އެހީތެރިވެދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހުރްމުޒް ހުރަސްނުކުރެވި، ގިނަ އަދަދެއްގެ މުދާއުފުލާ ބޯޓުތަކާއި އެ ބޯޓުތަކުގެ ފަޅުވެރިން ތާށިވެފައިތިބިއިރު، އެ އުޅަނދުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ރައްކާތެރިކަން ދޭން ރާވާފައިވާ ގޮތުގެ ތަފްޞީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.
ނަމަވެސް، އެމެރިކާގެ އަސްކަރީ މަނަވަރުތައް ހުރްމުޒްއަށް ވަންނަން މަސައްކަތްކޮށްފިނަމަ، އެކަން ހުއްޓުވާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
މިގޮތުން، އީރާނުގެ އަސްކަރިއްޔާގެ ހުއްދަނެތި، ހުރްމުޒް ހުރަސްކުރަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ވެސް އީރާނުން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 50 އިންސައްތައިން އުފުލިފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވާލައި އެ އެއްބަސްވުމަށް މިހާރު ޢަމަލުކުރަމުން ދިޔަ ނަމަވެސް އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކުން އެ ޤައުމުގެ ބޯޓުތައް ލަފާުފުރުމަށް ހުރަސްއަޅަމުންނެވެ.