ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ފަހުގެ މަސައްކަތްތައް އުތީމުގައި ދަނީ ކުރިއަށްގެންދަމުންނެވެ. ބަހާލައިގެން މަސައްކަތްތައް ރާވާ ކުރިއަށްގެންދާއިރު، ރަށުގެ ފިރިހެނުން ކުރަމުންދަނީ، ރަށުގައި ޤައުމީ ދުވަހަށް ޚާއްސަކޮށް ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކެވެ.
ޤައުމީ ދުވަސް މި އަހަރު އުތީމުގައި ކުލަގަދަގޮތެއްގައި ފާހަގަކުރަން ސަރުކާރުން ނިންމަވާފައިވާއިރު، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ހިތްހަމަޖެހިމަކީ އިޖުތިމާއީ ރޮނގުން ރަށުގައި ކުރިއަށްދާ ޢުމްރާނީ މަސައްކަތްތަކެވެ. ރަށުގެ ރައްޔިތުންނާ، ރަށަށް އަރާ ފައިބާ މީހުންނަށް ހިތްފަސޭހަ ތަނަކަށް އުތީމުގެ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން ރަށުގެ ބަނދަރު ސަރަޙައްދުގައި މަޑުކޮށްލައިގެން ތިބެވޭގޮތަށް، ރަށު ބަނދަރު ޕާކުގައި ދަތުރު ހިޔާއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރަށުގައި ޒަމާނީ ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. މީގެއިތުރުން ސްކޫލު ސަރިވަރުންނާ ބެލެނިވެރިން މަޑުކޮށްލައިގެން ތޮބޭގޮތަށް، ބެލެނިވެރިންގެ ހިޔާއެއް ދަނީ ހަދަމުންނެވެ.
މީގެއިތުރުން ރަށުގެ ބަނދަރު ސަރަޙައްދުގައި ހަދާފައިވާ މޮނިއުމަންޓް، ކަޅުއޮއްފުންމި އަލުން މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. ޢުމްރާނީ ތަރައްޤީގެ މި މަސައްކަތްތައް ކުރިއަށްގެންދަނީ ޒުވާނުންވާ އިސްރަށްވެހިންނާ، ރަށުގެ އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުންވެސް ހިމެނޭގޮތަށެވެ.
މިއަހަރަކީ ޤައުމީ ދުވަހާ ދިމާކޮށް، ރަށަށް ބޭނުންވާ މިފަދަ އުމްރާނީ މަސައްކަތްތައް އެންމެ ގިނަ އަދަދަކަށް ހިންގަމުންދާ ފަހަރުވެސްމެއެވެ.
ދުވަހަށް ތައްޔާރުވުމަށް އުތީމުގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަންނަނީ ވަރަށް ފޯރިއާއެކު މަސައްކަތް ކުރަމުންނެވެ. މިއީ އުތީމަށް އަންނަ ޢީދެއްފަދަ މުނާސަބާއެކެވެ.
ޤައުމީ ދުވަސް ނިސްބަތްވަނީ، އުތީމު ބަންޑާއިން، ފޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމަށް ކުރެއްވި ޖިހާދުގެ މައްޗަށެވެ.
މިއަހަރުގެ ޤައުމީ ދުވަހަކީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހެވެ.