ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި


  • ރާއްޖޭން އަބަދުވެސް ފަލަސްޠީނުގެ ޙައްގުގައި ވަކާލާތު ކުރާނެ

  • ސުމޫދު ފްލޮޓީލާ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަކީ ފަޚުރެއް

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންއަންނަ ހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެއްޖެއްގައެވެ.

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މުޅި ރާއްޖޭގައި މިިއަދު ވަނީބޮޑު އެއްވުމެއް ބާއްވާފައެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް އަޑުއުފުލައި ފަލަސްޠީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާފައެވެ.

މި އެއްވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި އޯޑިއޯ މެސެއްޖެއްގައި ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ އަނިޔާވެރި ޢުދުވާނާއި ހުއްޓުމެއް ނެތި އަޅަމުންދާ ބޮންތަކާއި އަނިޔާވެރިކަމާއި ބަނޑަށްޖެއްސުމަށް އެތައް ދުވަސްތަކެއްވީ ނަމަވެސް ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރާއި އަޒުމަކަށް ގުޑުމެއް ނާންނަ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންގެ އެ ހިތްވަރުން ފިލާވަޅު ލިބިގެން ސުމޫދު ފްލޮޓީލާ ކޯލިޝަނުން ޣައްޒާގެ ހިސާރު ނައްތާލައި އެހީ ފޯރުކޮށްދިނުމަށް 44 ޤައުމަކުން ކަނޑުއުޅަނދުތަކެއް ފުރަން ތައްޔާރުވަމުންދާ ކަމަށާއި އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަކީ އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އަބަދުވެސް ފަލަސްޠީނުގެ ޙައްގުގައި ވަކާލާތުކޮށް އަދުލުއިންސާފަށް ގޮވާލާ ޤައުމެއް ކަމަށެވެ. އަދި ޣައްޒާގެ ހިސާރު ނައްތާލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ ބައިނަލްއަގުވާމީ މަސައްކަތުގައި ރާއްޖޭން ބައިވެރިވުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، ފަލަސްޠީނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކޮންމެ މީހަކަށްވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާ ކަމަށްވެސް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ސުމޫދު ފްލޯޓިލާއަކީ ޔަހޫދީ ދައުލަތުން ޣައްޒާގެ ކަނޑާއި ވަޔާއި އެއްގަމު މަގުތައް ބަންދުކޮށް ޣައްޒާއަށް ތަކެތި ވެއްދުން ކޮންޓްރޯލް ކުރަމުންދާ ދިއުމާއި ދެކޮޅަށް 2007 ވަނ އަހަރުން ފެށިގެން އުފެދިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖެ ހިމެނޭހެން މިފަހަރު 44 ޤައުމަކުން ބައިވެރިވާއިރު، ކަނޑު މަގުން ޣައްޒާއަށް ވަނުމަށް މަސައްކަތް ކުރާނެއެވެ. މިއީ މިފަދަ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެއެވެ. މި އިއްތިހާދުގައި ރާއްޖޭގެ ދައުރަކީ މިހަރަކާތުގެ ތެރެއިން ބޯޓުތަކަށް އިންޑޮނޭޝިއާ ފަޅިން މީހުން އެރުމުގެ ކުރިން ދޭން ޖެހޭ ތަމްރީނުތައް ދިނުމެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ކޮމިޓީގައި އިސްކޮށް އުޅުއްވާ އައިއޭސީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވިދާޅުވީ މި ހަރަކާތުގައި ރާއްޖެ ބައިވެރިވުން ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. ޚާއްސަކޮށް ރާއްޖެއިން އިސްރާއީލް ޕާސްޕޯޓު މަނާކޮށް، މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސްޓޭންޑަށް ގިނަ ޤައުމުތަކުން ވަރަށް ބޮޑަށް ތަޢުރީފް ކުރާކަން އޭނާ ފާހަގަކުރިއެވެ.