ޚަބަރު

މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް


  • ފައިނޭންސިން ފެސިލިޓީގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ދެ ޤައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި

  • ފަލަސްޠީނުގެ ހައްޤުގައި ރައީސް ނަންގަވާ ސްޓޭންޑަށް ބޮޑުވަޒީރު ޝުކުރު އަދާކުރެއްވި

ރާޢްޖޭގެ މަރުކަޒީ ބޭންކާއި މެލޭޝިއާގެ މަރުކަޒީ ބޭންކާއި ދެމެދު 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެލިސިޓީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމު ވެރިންގެ ގުޅިފައިވާ ބަޔާނުގައެވެ.

ބޮޑުވަޒީރު އަންވަރުގެ ވާހަކަފުޅު ރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ. މިއީ ކުރު ދަތުރުފުޅެއް ނަމަވެސް ދިވެހިރާއްޖެއިން މިދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކުރައްވާ ބޮޑުވަޒީރު އަންވަރު ވިދާޅުވީ މިކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގެ އޮތް އެކުވެރިކަމާއި އަޚުވަންތަ ގުޅުން ކަމަށެވެ.

ބޮޑުވަޒީރު އަންވަރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާއި މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މިކޮމިޝަން ދާދި އަވަހަށް އެކުލަވާލެވި ފުރަތަމަ ބައްދަލުވުން މިއަހަރު ނިމުމުގެ ކުރިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ މަޝްވަރާތަކުގައި އަލިއަޅުވާލެވުނު ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއްގެ މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރު އަންވަރު ވަނީ މެލޭޝިއާއިން މި ފެސިލިޓީ ހަމަޖެއްސުމަށް އެއްބަސްވެވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

"ވަރަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ދިވެހިރާއްޖޭގެ ފަރާތުން ހުށެހެޅި ބައެއް ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންގެ މަރުކަޒީ ބޭންކުން 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ނެގުމާއި މެދު މަޝްވަރާ ކުރެވުނު. އަޅުގަނޑުމެން ވާނީ މިކަމަށް އެއްބަސްވެފައި. އެހެން ނަމަވެސް ދެ ޤައުމުގެ މަރުކަޒީ ބޭންކުތަކުން މިކަމުގައި ކުރިއަށް ގެންދާނެ ގޮތެއް ނިންމަވަން ޖެހޭނީ ވީހާވެސް އަވަހަށް. މިކަން ކުރެވޭނީ އިތުބާރާއި އެކުވެރިކަމުގައި". މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ދެ ޤައުމު އިސްކަން ދޭ ބައެއް ދާއިރާތަކުން މަޝްވަރާ ކުރެވުނު ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މިގޮތުން ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި އިދާރީ ދަތިތައް ހައްލުކޮށް، މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާއި އަދި މެލޭޝިއާއަށް ޞިއްޙީ ފަރުވާއަށް ގޮސް އުޅޭ ދިވެހިންނަށް ލުއިގޮތްތަކެއް ވީހާވެސް އަވަހަށް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ދެއްވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވާހަކަފުޅުގައި ފަލަސްޠީނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފް ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ޚާރިޖީ ކަންކަމުގައި ދެ ޤައުމުގެވެސް ސިޔާސަތަކީ ދާދި އެއްގޮތް ސިޔާސަތަތުތަކެއްކަން ފާހަގަކުރައްވައި ބޮޑުވަޒީރު އަންވަރު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

"ކޮންމެ ދުވަހަކު ޣައްޒާގައި ޝަހީދު ކުރަމުން މިދަނީ ކުށެއް ނެތް މައުސޫމު ރައްޔިތުން. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ މީހުން މިކަން ކުރަމުން މިދަނީ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ދިވެހި ސަރުކާރާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަންގަވާފައިވާ ސްޓޭންޑަށް. އަޅުގަނޑުމެން ދާނީ ވަރަށް ގާތުން މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެންމެންނަކީ ބިންތައް ނިގުޅައި ގަތުމާއި ދެކޮޅު ބައެއް. އެހެނަސް އިސްރާއީލުން އެކަން ކުރުމުން ވާހަކަ ދައްކަވާ ބަޔަކު މަދު. އަޅުގަނޑު ޝުކުރުވެރިވަން ރައީސް މުޢިއްޒަށް މިކަންކަމުގެ ތެރޭ ރަނގަޅު ވާހަކަތަކެއް ދައްކަވާތީ". ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދު އިތުރަށް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން މެލޭޝިއާގެ ޕެޓްރޮނާސް ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތަކީވެސް ކުރިއަށް ގެންދެވޭނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްބަސީއަށް ދިމާވާ ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ. ޖުމްލަކޮށް ރާއްޖެއިން އެދިވަޑައިގެންފައިވާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ.