ޚަބަރު

ގައުމީ އެތުލެޓިކްސް މުބާރާތް: ފުރަތަމަ ފަހަރަށް ހިމެނި ޕެރަ އެތުލީޓުންގެ ދުވުމުގެ ރަން މެޑެލް ރައްޒާގަށް


މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ފުރަތަމަ ފަހަރަށް ހިމެނި ޕެރަ އެތުލީޓުންނަށް ޚާއްސަ ދުވުމުން އަބްދުލް ރައްޒާގު އަބްދުލް ސަމަދު ރަން މެޑެލް ހޯދައިފިއެވެ.

ޕެރަ އެތުލީޓުންނަށް ޚާއްސަ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ އެއްވަނަ ރައްޒާގު ހޯދީ 16.08 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ބުނީ މީގެ ކުރިން ބައިވެރިވަމުން ދިޔައީ އިންޓަނޭޝަނަލް މުބާރާތަކުގައި ކަމަށާއި، ރާއްޖޭގައި ފެރަ އެތުލީޓުންނަށް ހާއްސަ މުބާރާތެއް ބާއްވައިދިނުމަށް ވަރަށް ބޮޑަށް އެދެމުންދަނިކޮށް މިއަހަރުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ވަރަށް އުފާވެރި ދުވަހެއް. ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ފެރަ އެތުލީޓުންނަށް ބޭއްވި އިވެންޓް މީ" ރައްޒާގު ބުންޏެވެ.

ޕެރަ އެތުލީޓުންނަށް ހާއްސަ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ހޯދީ ސިބްގަތުﷲ އަޙްމަދެވެ. އޭނާ ރޭސް ނިންމީ 22.00 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ބުނީ ގައުމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު މިލިބުނީ މުޅިން އަލަށް ކަމަށާއި، މުބާރާތުގެ ތަޖުރިބާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ދ. ކުޑަހުވަދޫއިން މި މުބާރާތަށް ތައްޔާރުވެގެން މާލެއައި ސިބްގަތުﷲ ބުނީ މިއީ ވަރަށް އުފާވެރި ތަޖުރިބާއެއް ކުރެވުނު މުބާރާތެއްކަމަށާއި، މުބާރާތަށް ތައްޔާރުވުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.

ޕެރަ އެތުލީޓުންނަށް ޚާއްސަ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ތިންވަނަ ހޯދީ 22.01 ސިކުންތުން ރޭސް ނިންމައިގެން މުޙައްމަދު ޝަދާމްއެވެ.

އޭނާ ބުނީ ގައުމީ މުބާރާތުގައި ދުވެލުމުގެ ޝަރަފު މި ލިބުނީ ފުރަތަމަ ފަހަރަށް ކަމަށާއި،
މި މުބާރާތުގައި މިއަހަރު ފުރަތަމަ ފަހަރަށް ޕެރަ އެތުލީތުންނަށް ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.