ޚަބަރު

ދިވެހިން އެއްއަޑަކުން ގޮވާލީ ޣައްޒާގެ ހިސޯރު ނައްތާލުމަށް


  • އަނިޔާތައް ތަޖުރިބާކުރި ފަލަސްޠީނުގެ ދެ ބޭފުޅަކު ބައިވެރިވި

  • ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ 12 މީހަކުވެސް ބައިވެރިވި

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ޤަތުލްޢާންމު ހުއްޓުވައި، ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް "ޤައުމީ ބޮޑު އެއްވުން" މިއަދު ބާއްވައިފި

މާލޭގައި މި އެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު މާފަންނު ދަނޑުގައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓާލުމަށް ގޮވާލައި ބޭއްވި މި އެއްވުމަކީ، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެ، ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެހެނިހެން ފަރާތްތައް އެކުވެގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މާފަންނު ދަނޑުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ބައެއް މީހުންވެސް މި އެއްވުމުގައި ބައިވެރިވިއެވެ.

މިއެއްވުމުގައިވަނީ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އެހީފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށާއި މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުކުރުމަށްވެސް މި އެއްވުމުގައި ގޮވާލާފައިވެއެވެ.

ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް ބޭއްވި މި އެއްވުމުގައި، ޔަހޫދީ ދައުލަތުގެ އަނިޔާތައް ކައިރިން ތަޖުރިބާކޮށްފައިވާ ފަލަސްޠީނުގެ ދެ ބޭފުޅަކުވެސް ބައިވެރިވިއެވެ. މީގެއިތުރުން ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ 12 މީހަކުވެސް މިއެއްވުމުގައި ބައިވެރިވެފައިވެއެވެ.

ޣައްޒާގެ ހައްޤުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުލާ ބައެއް ބޭފުޅުންވަނީ އެބޭފުޅުންގެ ޝުޢޫރުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ.

" ރާއްޖެ ކިތަންމެ ކުޑަޔަސް، ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލަން ބޭނުން، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށްވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީ. ޤައުމުގެ ބޮޑުކުޑަމިނުންނެއް ނޫން ތަފާތު ދެއްކޭނީ. ދުނިޔެއަށް ދައްކަންވީ ޣައްޒާއަށް ހަމަލާ ދެމުންދާއިރު އެހެން ޤައުމުތަކުން މަޑުން ނުތިބޭނެކަން. އެކަން ދިވެހިރާއްޖެއިން ދައްކަމުންދާތަން ފެނޭ". ޣައްޒާގެ ހައްޤުގައި އަޑުއުފުލަމުންދާ ފަރާތްތަކުން ބުނި.

"ޤައުމީ ބޮޑު އެއްވުން" މި ނަމުގައި މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ޔަހޫދީ ދައުލަތުން ވޭތުވެ ދިޔަ 18 އަހަރު ޣައްޒާ އެއްކޮށް ބަންދު ކޮށްލާފައި އޮތުމާއި ދެކޮޅަށް އަޑު އުފުލައި ޣައްޒާ "ހިޞޯރުން" ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 ކައުންސިލަކުން މި ހަރަކާތުގައި ބައިވެރިވިއެވެ.
މިއީ މިހާތަނަށް ފަލަސްޠީނުގެ ހައްޤުގައި ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތެވެ.

މިހަރަކާތް ނިންމާލީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި ކުރި ޚާއްސަ ދުޢާއަކުންނެވެ.