ރާއްޖޭގެ އެކި ރަށްރަށުގައި ދިވެހި ތާރީޚު ދައްކުވައިދޭ އާސާރީ އެތައް ބިނާއެއް ފެންނަން އެބަހުއްޓެވެ. ރާއްޖޭގެ އެންމެ އުތުރަށް ބަލާއިރު، ހއ.ތަކަންދުއަކީ، ޣާޒީ ބަންޑާރައިންގެ ހަނދާންތަކާ ގުޅިފައިވާ މުހިންމު ބިނާތައް ހުރި ރަށެކެވެ. އެރަށުގައި ހުރި އެންމެ އާސާރީ މަޝްހޫރު ބިނާއަކީ ރަށުގައި ހުރި އަލިތަކުރުފާނު ޒިޔާރަތެވެ.
މިއީ ޕޯޗުގީޒުން ޝަހީދުކޮށްލެއްވި، އުތީމު އަލިތަކުރުފާނުގެ ހަށިކޮޅު ފަސްދާނުލައްވާފައިވާ ޒިޔާރަތެވެ. މިއީ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމަށް، އުތީމު ބަންޑާރައިން ކުރެއްވި ޖިހާދާ ގުޅިފައިވާ ވަރަށް މުހިންމު ޙާދިސާއެކެވެ.
ފައްސަތޭކައެއްހާ އަހަރުވެފައިވާ އެ ބިނާ މިހާރުވެސް ތަކަންދޫގައި އެބަހުއްޓެވެ.
ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އާރިފް ވިދާޅުވީ މި ތާރީޚީ އާސާރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، ތަކަންދޫގެ ރައްޔިތުން އެންމެ ބޭނުންވާ އެއް މަސައްކަތްކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ކުރިން އެތަންތަން ބަލަހައްޓަމުން އައީ ރަށުގެ ރައްޔިތުންނެވެ. އަދި 2008ވަނަ އަހަރާ ހަމައަށް ސަރުކާރުން އެތަން ބެލެހެއްޓުމުގައި ބައެއް އެހީތެރިކަން ދެމުންއައިނަމަވެސް، އެއްވެސް ސަރުކާރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނެތްކަމަށް ކައުންސިލްގެ ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"އެއްވެސް ސަރުކާރަކުން މާބޮޑު މަސައްކަތެއް ކުރެއްވިފައި ނެތް. ޒިޔާރަތުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް. މިތާ ހުރި ނިކަގަހު މޫތައް ވަދެ ފާރުތަކުގައި ރެނދު އަޅާފައި ހުރީ. ދެން ނިކަ ކައިގެން ވާލާއި، ކާޅުގެ ސަބަބުން ޒިޔާރަތް ވަރަށް ބޮޑަށް އެބަ ހަޑިވޭ. އަދި އެހެނިހެން މަރާމާތުތަކަށްވެސް ވަނީ ބޭނުންވެފައި." ކައުންސިލްގެ ނައިބު ރައީސް އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ، ބަންޑާރައިންނާ ގުޅުންހުރި ބިނާތައް ބަލަހައްޓާ ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ވަރަށް މުހިންމު ނިންމެވުމެއްކަމަށާއި މިތަންތަން ޙިމާޔަތްކުރުމުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިހާތަނަށް ޢަމަލީ މަސައްކަތް ފެށިފައި ނުވިނަމަވެސް، ތަރިކައާއި ބެހޭ ޓީމަކުން، ތަކަންދޫގެ އާސާރީ ބިނާތަކުގެ ސަރވޭއެއް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ޓީމެއް އައިސް މި ބިނާތައް ބަލާ، ސަވޭކޮށް، މަޢުލޫމާތު ވަނީ އެއްކޮށްފައި. ބޭނުންވަނީ މި ތަންތަން އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގެންދަން." ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ރަށުގައި ހުރި އާސާރީ ބިނާތައް، ސަޤާފީ ފަތުރުވެރިކަމުގައި ބޭނުންކުރެވި، ރަށަށް މި ދާއިރާއިންވެސް ކުރިއެރުންތަކެއް ލިބުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ. މި ވަސީލަތްތައް ޕްރޮމޯޓްކޮށް، ރަށަށް އާމްދަނީ ވަންނާނެ މަގަކަށް މިކަން ވުމަކީވެސް ރަށުގެ ރައްޔިތުން ދެކޭ ހުވަފެނެއްކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ހަނިމާދޫ އެއަރޕޯޓް ހުޅުވިގެންދާއިރު، ރާއްޖޭގެ އުތުރުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން އަންނާނެކަމަށް ދެކޭކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ ފީއެއް ނަގައިގެން، މި ޒިޔާރަތް ދައްކާލުމަށް ވަދެވޭނެ އިންތިޒާމަކީ ރަށަށް އާމްދަނީ ވަންނާނެ ވަސީލަތަކަށް ވާނެކަމަށެވެ.
ހއ.ތަކަންދޫގެ އާބާދީ 900އަށް އެރިނަމަވެސް، ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 250އެއްހާ މީހުންނެވެ.