ކުޅިވަރު

ކިއޭސާ ހަނދާންވީ ޖޮޓާގެ މަތިން، ސަލާހަށް ރިކޯޑެއް


ލިވަޕޫލްއަށް ރޭ ލަނޑު ޖަހައިދިނުމަށް ފަހު ހަނދާންވީ ކާރު އެކްސިޑެންޓެއްގައި ހުސްވި މަހު މަރުވި އެ ޓީމުގެ ކުރީގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ މަތިން ކަމަށް އިޓަލީގެ ފޯވާޑް ފްޑެރީކޯ ކިއޭސާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމަތު އަތުން ފަހު ވަގުތު ލިވަޕޫލް މޮޅުވިއިރު ލީޑު ހޯދައިދިން ލަނޑު ޖެހީ ފަހު ފަސް މިނިޓަށް ކުޅެން ނުކުތް ކިއޭސާއެވެ. ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ލިވަޕޫލަށް ހުސްވި ސީޒަނުގައި ބަދަލުވި ފަހުން ޖެހި ފުރަތަމަ ގޯލެވެ.

"އެ ލަނޑު ޖެހުމަކީ އަހަރެންނަށް ވަރަށް ހާއްސަ ވަގުތުކޮޅެއް. އެކަމަކު ހަމަ ތެދަށް މި ބުނީ އަހަރެން އިތުރު އެއްވެސް ކަމެއްގެ މަތިން ހަނދާނެއްނެތް. އެ ގޯލު ޖަހާފައި އަހަރެން ހަނދާންވީ ޖޮޓާގެ އާއި އޭނާގެ އާއިލާމަތިން. އޭނާ (އާއެކު މަރުވި އޭނާގެ) ބޭބެ މަތިން. އޭނާގެ ގޯލް ސެލްބްރޭޝަން ކޮޕީ ކުރަން ވެސް އަހަރެން މަސައްކަތް ކުރިން. އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް. އޭނާ ނޫން މީހެއްގެ މަތިން އަހަރެން ހަނދާނެއް ނުވި،" ކިއޭސާ ބުންޏެވެ.

ގަވާއިދުން ކުޅެން ފުރުސަތު ނުލިބޭތީވެ ލިވަޕޫލް ދޫކޮށްދާން ބޭނުންވެފައި ހުރި ކުޅުންތެރިޔާ ބުނީ އޭނާ އަށް ލިވަޕޫލްގައި ފުރުސަތު ލިބޭނީ ވަރަށް މަސައްކަތް ކޮށްގެންކަން އެނގޭ ކަމަށެވެ.

"މި ޓީމު ވަރަށް ފުރިހަމަ، މިއީ މޮޅު ކުޅުންތެރިން ތިބި ޓީމެއް. އެހެންވީމާ އަހަރެންނަށް ވެސް ފުރުސަތު ލިބޭނީ މަސައްކަތް ކުރި ވަރަކުން. އަހަރެން މި ހުރީ އެކަން ކުރަން އަޒުމް ކަނޑައަޅައިގެން،" ކުރި މަގާބެހޭ ގޮތުން ސުވާލު ކުރުމުން ކިއޭސާ ބުންޏެވެ.

އޭނާއަށް ފަހު ރޭ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ. މިއާއެކު އޭނާ ވެފައިވަނީ ޖެހިޖެހިގެން 10 ސީޒަނުގައި ވެސް ފުރަތަމަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާ އަށެވެ.

ކޯޗު އާނޭ ސްލޮޓްވެސް މެޗަށް ފަހު މި މެޗުން ލިބުނު މޮޅު ޚާއްސަ ކުރަނީ ޖޮޓާއަށް ކަމަށެވެ.