ރާއްޖޭގައި ބާއްވާ ފުރަތަމަ އައިޓީއެފް ޓެނިސް މުބާރާތް، އައިޓީއެފް ޖޭ30 ޓެނިސް މުބާރާތް ފަށައިފިއެވެ.
މިއަދު ހެނދުނު މާލޭ ޓެނިސް ގްރައުންޑުގައި ފެށި މި މުބާރާތުގައި އެކި ގައުމުތަކުގެ 32 އެތުލީޓުން ވާދަކުރެއެވެ. މިއީ 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޤައުމީ ޓީމުގެ ޓެނިސް ކުޅުންތެރިން ވާދަކުރާއިރު މިއަދު ހެނދުނު ކުޅުނު މެޗުތަކުގެ ތެރޭގައި ރާއްޖޭގެ މިކާ މުހައްމަދު ކަލީމް ވަނީ އޮސްޓްރޭލިއާގެ ކުޅުންތެރިޔަކާ ވާދަކޮށްފައެވެ.
އަދި ނީމް އަހުމަދު ސަލީމް ވަނީ އިންޑިއާ ކުޅުންތެރިޔަކާއި ވާދަކޮށްފައެވެ. މީގެ އިތުރުން އަޒިތާ އައިޝާ ޔާމިން ވަނީ އިންޑިއާ ކުޅުންތެރިއަކާއި ވާދަކޮށްފައެވެ. އަދި ލޫތް އަގީލް އަހުމަދު ވާދަކުރީ ތައިލޭންޑްގެ ކުޅުންތެރިޔަކާއެވެ. އައިޝަތު ލިވިޔާ ކަތީރު ވަނީ ޗައިނީޒް ޓައިޕޭގެ ކުޅުންތެރިޔަކާއި ވާދަކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ސިމަކް ސިމް ޖާބިރު ވަނީ އިންޑިއާ ކުޅުންތެރިއަކާއި ވާދަކޮށްފައެވެ.
މި މުބާރާތުގެ މެއިން ޑްރޯގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓްގައެވެ. މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، ޔޫކްރެއިން، ރަޝިޔާ، ފްރާންސް، ޗައިނާ، ސިންގަޕޫރު، ތައިލޭންޑް، އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ސްވިޓްޒަލޭންޑް ފަދަ ގައުމުތަކުގެ މި އުމުރުފުރާގެ މަތީ ފަންތީގެ ކުޅުންތެރިން ހިމެނެއެވެ.
ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ މި މުބާރާތުގެ ތައްޔާރީތަކާއިމެދު ހިތްހަމަޖެހޭ ކަމަށާއި، އީރާނުގެ ތަޖުރިބާކާރު ކޯޗު އަލީ ރިޒާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޖޫނިއާ އެތުލީޓުން މި މުބާރާތްތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ. މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިން ބުނީ އުންމީދަކީ ފައިނަލާއި ހަމައަށް ދިއުން ކަމަށާއި، ރާއްޖެ ފަހުރުވެރިވާފަދަ ކާމީޔާބީއެއް ހޯދޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.