ޚަބަރު

ފުރަތަމަ ފަހަރަށް ގަންނަ ފްލެޓުން ޓެކްސް ނުނަގާ ގޮތަށް ފާސްކޮށްފި


ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކުރާ ފުލެޓް ގަންނަ ފުރަތަމަ ފަހަރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށައެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓަރީ ޤްރޫޕުގެ މެމްބަރު ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް ހުށައެޅުއްވި އިޞްލާޙް މަޖިލީހުން ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާޤުންނެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެންނެވި މި އިޞްލާޙް ތަޞްދީޤު ކުރެއްވުމުން، އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގަންނަ މީހަކީ ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވެފައި، އެއީ އޭނާ ފްލެޓް ގަންނަ ފުރަތަމަ ފަހަރު ކަމުގައިވާނަމަ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާ ވެގެންވާނެއެވެ. މިހާރު ޤާނޫނުގައި ވާގޮތުން ރާއްޖޭގައި ވިއްކާ ފްލެޓްތަކުން ޓެކްސް ނެގޭނެއެވެ. ޤާނޫނަށް ގެންނެވި މި އިޞްލާޙުން ޢިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބިދިނުމަށް އޮތް ހުރަހެއްކަމުގައި ނުބެލެވޭނެ ކަމަށްވެސް މި އިޞްލާޙްގައިވެއެވެ.