އެމެރިކާގައި މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގެ ޖާގައެއް ސްޕެއިންގެ ކާލޮސް އަލްކަރާޒް ހޯދައިފިއެވެ.
މި މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ އަލްކަރާޒް ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވްއާ ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން އަލްކަރާޒް މޮޅުވެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު އޭނާއާ ދެކޮޅަށް ފައިނަލުގައި ނިކުންނާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން, ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އޭނާގެ 24 ވަނަ އުފަން ދުވަހު ފްރާންސްގެ ޓެރެންސް އެޓްމޭންއާ ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ދޭއްގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ސިންސިނާޓީ އޯޕަންގެ ފައިނަލުގައި ދެ ކުޅުންތެރިން ވާދަކުރާއިރު މިއީ ނިމިގެންދިޔަ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރި ދެ ކުޅުންތެރިންނެވެ. އަދި އޭގެ ތެރެއިން އެއް މުބާރާތް ކޮންމެ ކުޅުންތެރިއަކު ކާމިޔާބު ކޮށްފައިވާއިރު ސިނާ ވަނީ ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ.