އެމެރިކާގައި ކުރިއަށްދިޔަ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ސިނާ މެޗު ދޫކޮށްލުމުން، ކާލޯސް އަލްކަރާޒްއަށް ޗެމްޕިއަންކަން ލިބިއްޖެއެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސިނާ އާއި ދެކޮޅަށް ސްޕެއިން އަލްކަރާޒް ކުޅުނު މެޗުގެ 23 މިނިޓުގެ ކުޅުން ނިމުނުއިރު 5-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ އަލްކަރޭޒް އެވެ.
މި މެޗުން މޮޅުވެ އަލްކަރާޒްއަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއިއެކު މިއީ އޭނާއަށް ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. އަދި މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިންވަނަ މުބާރާތްވެސްމެއެވެ.
ފައިނަލް މެޗު ދޫކޮށްލުމަށްފަހު ސިނާ ބުނެފައިވަނީ މި މެޗަށް ނިކުތްއިރުވެސް އޭނާގެ ބަލި ހާލަތު ރަގަޅު ނޫން ކަމަށާއި އުންމީދު ކުރި ގޮތަށް ކަންތައްތައް ގޮސްފައިނުވާ ކަމަށެވެ.
"މި މެޗު ބަލަން ގިނަ ބަޔަކު ވަނީ އަމިއްލަ ގިނަ ކަންތައްތަކެއް ދޫކޮށް އައިސްފައި އަދި މި މެޗު އަހަރެންނަށް ފުރިހަމަ ނުކުރެވުނީތީ އެކަމަށް މައާފަށް އެދެން." ސިނާ ބުންޏެވެ.
ސިނާ އިތުރަށް ބުނެފައިވަނީ މީގެ ހަ ދުވަސް ފަހުން ފަށާ ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް އެއްކޮށް ފިޓުވެ އެ މުބާރާތުގައި ވާދަކުރެވޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.
އަލްކަރާޒް އާއި ސިނާ ވަނީ މި ސީޒަނުގައި މީގެ ކުރިން ދެ މުބާރާތެއްގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދިއިރު ވިމްބަލްޑަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިނާ އެވެ.