ރާޅާއެޅުންތެރިންގެ ކުރިއެރުމާއި މި ކުޅިވަރު ކުރިއެރުވުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބޭހޭ ވުޒާރާއިން ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ރާޅުގަނޑު ސަރަހައްދު ތަރައްޤީވެގެން ދިއުން ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ބުނެފިއެވެ.
ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ ރާޅާ އަޅާ ކޮމިއުނިޓީން އެންމެ ބޭނުންވާ އެއްކަމަކީ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަޤްވާމީ ސާފިން ސްޓޭޑިއަމް އެޅުން ކަމަށެވެ.
އެންމެފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު ރާޅުގަނޑު ސަރަހައްދުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ފެންވަރުގެ ސްޓޭޑިއަމުގެ ކުރެހުންތަކާއި ހުރިހާ ކަމެއް ވަނީ ނިމިފަ ކަމަށް ނިޒާމް ފާހަގަކުރެއްވިއެވެ.
ދެން އޮތީ ޕްރޮޖެކްޓްތަކާއި ހިސާބަށް ދިއުން ކަމަށާއި މިހާރު އެތަނުގައި ހުރި އިމާރާތް ތަޅާލާ ވަރަށް އަވަހަށް މަސައްކަތްތައް ފެއްޓިގެން ދާނެ ކަމަށް ކުޅިވަރު ވަޒީރު އަބުދުالله ރާފިޢު ވިދާޅުވެފައިވާކަމަށް ނިޒާމް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް އެއް ޑްރީމް އެއީ އަޅުގަނޑުމެން މުބާރާތެއް ސެޓަޕް ކުރާއިރު ހުރިހާ ސެޓަޕްތަކެއް އެބަ ޖަހަންޖެހޭ ކޮންމެ މުބާރާތަކަށް. އެ ސްޓޭޑިއަމް ނިމޭއިރު އިންނާނީ އިންޓަނެޝަނަލް ފެންވަރުގެ މުބާރާތެއް ހިންގޭނެ ކްރައިޓީރިއާއަށް ފެތޭވަރުގެ ހުރިހާ އިކުއިޕްމެންޓްސްއެއްލާފަ. އެހެންވީމާ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ” ކަމަށް ނިޒާމް ބުންޏެވެ.
އެހެންކަމުން އެންމެ ބޮޑު އެއް އުންމީދަކީ ވީހާވެސް އަވަހަކަށް ސާފިން ސްޓޭޑިއަމް ނިމި އެތަނުގެ ވަސީލަތްތައް ބޭނުންކޮށްގެން މި ކުޅިވަރު މިކުޅިވަރު އިތުރަށް ތަރައްޤީކޮށް ކުރޮޔަށް ޖައްސާލުން ކަމަށް ނިޒާމް ބުންޏެވެ
އަދި އޭނގޭ ދައުރުގައި އެންމެ ބޮޑަށް ދެކެން ބޭނުންވަނީ އަތޮޅުތަކުގައި ހިންގާ ހުދުފޮނު ޕްރޮގްރާމުގެ ބައިވެރިން ގިނަ މުބާރާތްތަކުގަްި ވާދަކުރުން ކަމަށް ނިޒާމް ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ސަބަބުން ނިމިގެން ދިޔަ ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައި ނ. ޅޮހިންނާއި ށ. ކަނޑިތީމުން އެތުލީޓުން ވާދަކުރި ކަމަށް ނިޒާމް ފާހަގަ ކުރިއެވެ.
އެމްބީބީއޭއިން މިހާރު ތައްޔާރުވަމުން އަންނަނީ ޤައުމީ ބޮޑިން ލީގުގައި ހިމެނޭ ގައުމީ މުބާރާތަށެވެ. ބަނޑުފިލާގެ ނަމުގައި ބާއްވާ ލީގުގެ މިއަހަރުގެ ފަހު މުބާރާތް ކަމަށްވާ ޤައުމީ މުބާރާތް އޮންނާނީ ސެޕްޓެމްބަރުމަހުގެ ފަހުކޮޅެވެ.