އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީއްޔަތުކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީިޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު އިންސާނީއްޔާތުކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހިއްވަރާއެކު ހަނގުރާމަތަކާއި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އެކު ދިވެހިރާއްޖެއިން ތިބި ކަމަށެވެ. އެމަނިކުފާނު ވަނީ މި ދުވަސް ފާހަގަކުރާއިރު ޢައްޒާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތައް ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ފަރާތްތަކުން އިންސާނިއްޔަތުކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ވަމުންދާ ޤުރުބާނީ އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަޤާއިމް ކުރުމަށާއި އިންސާފަށް ލިބޭ ބާރެއް ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް އިންސާނީ އެހީ ނާޒުކު އާބާދީތަކަށް ލިބޭކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހު ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާއިރު، ޢައްޒާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ދައުލަތުން ހުރަސް އަޅަމުންދާތީ އެކަން ދިވެހިރާޢްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޢައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ވެއްދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ބާރުއެޅުމަށްވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.
ދުނިޔޭ އިންސާނިއްޔަތުކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިއަހަރުގެ ދުވަހުގެ ޝިއާރަކީ އެކްޓް ފޯ ހިއުމަނިޓީ ނުވަތަ އިންސާނީއްޔަތުކަމަށްޓަކައި ފިޔަވަޅު އެޅުމެވެ. މި ޝިއާރު ބިނާވަނީ އިންސާނީ އެހީދިނުމަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާއި، ނިޒާމަށް މިހާރު ބޮޑުވެފައިވާ ބުރަޔަށް އަދި ދެވޭ ޙަމަލާތަކައި ދެކޮޅަށް މަސައްކަތް ކުރުމަށެވެ.
އދ.ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ 380 އީންސާނީ އެހީ ފޯރުކޮށްދޭ މީހުން މަރާލާފައިވެއެވެ. މީގެ އިތުރަށް އެތައް ސަތޭކަ ބަޔަކު ރަހީނުކޮށް ހައްޔަރުކޮށް ނުވަތަ އަނިޔާ ދީފައިވާކަން އ.ދއިން ފާހަގަކުރެއެވެ.
މިދުވަސް ފާހަގަކުރަން ފަށާފައިވަނީ، 2008 ވަނަ އަހަރު އދ، އާންމު މަޖިލީހުން ފާސްކޮށްގެންނެވެ. މި ދުވަސް ފާހަގަ ކުރަނީ 2003 ވަނަ އަހަރު ބަޤްދާދު ކާނަލް ހޮޓަލަށް ދިން ހަމަލާގައި އިންސާނީ އެހީދޭ 22 މީހަކު މަރާލި ދުވަހާއި ދިމާކޮށެވެ.