ދިވެހި ފުޓްބޯޅައަށް މި ވަގުތު ކުރަންޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ނިޒާމު ބަދަލުކުރުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވުމުން މިވަގުތު ފުޓްބޯޅައިގެ ހާލަތު ބަޔާން ކޮށްދެމުން ޠާރިޤު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ވާދަވެރި ބައެއް މުބާރާތްތައް ނުބޭއްވި ދިޔުން ކަމަށެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގާއި، އަތޮޅު މުބާރާތް ހުއްޓިފަ އޮންނަތާ އަހަރުތަކެއްވެފަވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
"މީގެ ކުރިއަކުން މުޅި ރާއްޖެ ޝާމިލުވާ ގޮތައް، ރާއްޖޭގެ ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ނިޒާމެއް ނޯންނާނެ، އެހެންވީމަ އަޅުގަނޑުމެން އެކްސްކޯއިން މި ކުރިކަމަކީ ފުރަތަމަ އެ ނިޒާމު ގާއިމު ކުރުން." ޠާރިޤު ވިދާޅުވިއެވެ.
ރާއްޖޭގަ މިހާތަނަށް މި ބަދަލު ނުގެނެވި އޮތީ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ފަށަން އުޅުމުން ކަމަށް ޠާރިޤު ވިދާޅުވިއެވެ.
"ފުރަތަމަ ވެސް އަޅުގަނޑުމެން ފަށަން ބޭނުން ވަނީ ވެސް އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައިގެން، އޭގެއިން ކޮލިފައިވެގެން އަންނަ ގޮތައް ފުރަތަމަ އަހަރު ނިންމާފަ ދެވަނަ އަހަރު ޕްރިމިއަރ ލީގަށް ކޮލިފައިވާގޮތައް، ލީގު ސިސްޓަމް އަޅުގަނޑުމެން ޗޭންޖް ކުރަން މި ބޭނުންވަނީ" މިހާތަނަށް ގެނެވުނު އެންމެ ބޮޑު ބަދަލާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ޠާރިޤު ވިދާޅުވިއެވެ.
ފުޓްބޯޅަ އޮތީ ވަރަށް ހާލުގަކަމަށާއި، އިންތިހާބު ވުމަށްފަހު އެފްއޭމް ތެރޭގައި ހިގާފަހުރި ކަންކަމާއި، މިހާރު ހުރިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ކަންކަން މިހާރުވެސް ކުރެވެމުންދާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
މިއަދާ ހަމައަށް ހޭދަވިދުވަސް ތަކުގައި އެފްއޭމްގެ ބިންތަކާއި ގުޅުހުންރި ކަންކަމާއި އެކަން ކަމާގުޅިގެން އެފްއޭއެމް އަށް ފައިދާ ނުވާގޮތައް ހުރި އެއްބަސްވުންތައް ބަލައި އެ އަބަސްވުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޠާރިޤު ވިދާޅުވިއެވެ.