ކުޅިވަރު

ޕައުލް ޕޮގްބާ މެންޗަސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި


ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުވެންޓަސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

މެންޗަސްޓަރ ޔުނައިޓެޑުން 2012 ވަނަ އަހަރު ކުޑަ އަގެއްގައި ޔުވެންޓަސްއަށް ބަދަލުވި ކުޅުންތެރިޔާ، 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗަސްޓަރ ޔުނައިޓެޑަށް ގެނައުމަށް ޔުނައިޓެޑުން ސަތޭކަ މިލިއަނެއްހާ ޑޮލަރު ޙަރަދުކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ޕޮގްބާ އެނބުރި މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވި ރަސްމީ އަގަކީ 89 މިލިއަން ޕައުންޑެވެ. ޔުނައިޓެޑުން ވަނީ ޕޮގްބާ ގެންދިޔުމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް 105 މިލިޔަން ޔޫރޯގެ އިތުރުން ޕޮގްބާއަށް ދޭން ޖެހޭ ބޯނަސް ފައިސާގެ 5 މިލިޔަން ޔޫރޯއާއެކު ޖުމްލަ 110 މިލިޔަން ހަރަދު ކޮށްފައެވެ. 

ޔުނައިޓެޑަށް ބަދަލުވުމަށްފަހު ޕޮގްބާ ބުނީ މިއީ ކެރިއަރުގައި އިތުރު ކާމިޔާބީ ހޯދުމަށް ބަދަލުވާން އެންމެ ރަނގަޅު އެއް ކްލަބް ކަމަށާ ޔުނައިޓެޑްގެ ކޯޗު މޮރީނިޔޯއާއެކު ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. ޕޮގްބާ ދެހާސް ބާރަވަނަ އަހަރު މެންޗަސްޓަރ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވީ މެންޗަސްޓަރ އިން އޭނާއަށް ފުރުޞަތު ނުލިބުމުގެ ސަބަބުންނެވެ. 

މީގެ ކުރިން ކުޅުންތެރިއަކު ގެންދިޔުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑުންނެވެ. އެ ކްލަބުން ވަނީ ޓޮޓެންހަމްގެ ގެރެތް ބޭލް ގެންދިޔުމަށް 85 މިލިޔަން ޕައުންޑް ޙަރަދުކޮށްފައެވެ.