ޚަބަރު

ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތަށް އެހީވެދިނުމަކީ ލިބޭ ފަޚުރެއް: ވަޒީރު ރާފިޢު


ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތް ބާއްވަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެހީވެދިނުމަކީ ލިބޭ ފަޚުރެއް ކަމަަށް ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތަކީ އަތޮޅުތަކުގެ ތެރޭގައިވެސް ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެކަން ދައްކުވައިދޭ ކަމެއް ކަމަށް ވަޒީިރު ވިދާޅުވިއެވެ.

"މި މުބާރާތަކަކީ ރާއްޖެ، ރާއްޖޭން ބޭރަށް ދައްކުވައިދިނުމަށް އަދި ރާއްޖޭގެ ރަށްތަކުގައި މިފަދަކަންކަން ކުރެވޭނެކަން ދައްކައިދޭ އަލިގަދަ ހެއްކެއް. މިފަދަ ޕްރޮގްރާމްތައް މިއަހަރު ތެރޭގައިވެސް ރާވާފައި އެބަހުރި. އޭގެ ތެރޭގައި މިއަހަރު ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑް ބޯޅަ މުބާރާތް ފާހަގަ ކޮށްލަން" ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވިކަމީ ރައީސުލްޖުމްހޫރިއްޔާ ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

މީގެ ކުރީގައި ފެންނަނީ ރާއްޖޭގެ ޓީމުތައް ރާއްޖޭން ބޭރަށް ގޮސް މުބާރާތްތައް ކުޅޭތަން ކަަމަށާއި އެހެންނަމަވެސް މިހާރު ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނެވޭ ކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވެނީ ހަމައެކަނި މާލޭގައި ކަމަށެވެ.

އެހެންނަމަވެސް މިހާރު ރާއްޖޭގެ ރަށްތަކުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ކުޅިވަރު ގާނޫނުގައިވެސް އޮތީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ކުޅިވަރުތައް ކުރިއެރުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެތެރޭގައި ޓޭބަލް ޓެނިހަކީ ރާއްޖެއަށް ވަރަށް ފަހުރުވެރި ވަނަތަކެއް ހޯދައިދީފައިވާ ކުޅިވަރެއް ކަމަށާއި މި ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާރުވެސް ޓީޓީ ހޯލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މާސްޓަރސް ޓީޓީ މުބާރާތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭނެގޮތް ހަމަޖައްސައިދިނީތީ އިހާ އެކެޑަމީ އާއި ތޮއްޑޫ ލޯކަލް ކޮމްޕެނީއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

މި މުބާރާތަށް ރައީސް ވަގުތު ދެއްވިކަމީ ކުޅިވަރަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން ހާމަވާ އަލިގަދަ ހެއްކެއް ކަމަށާއި، އެހެންކަމުން ކުޅިވަރު އާއިލާގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތަކީ 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހަ އުމުރުފުރައަކުން ކުޅުންތެރިންވާދަކުރެއެވެ. އޭގެ ތެރޭގައި 40 އަހަރުންމަތި، 40 އަހަރާ 49 އަހަރާ ދެމެދު، 50 އަހަރާ 59 އަހަރާ ދެމެދު، 60 އަހަރާ 64 އަހަރާ ދެމެދު، 65 އަހަރާ 69 އަހަރާ ދެމެދު އަދި އޭގެ އިތުރުން 70 އަހަރުންމަތީގެ އުމުރުފުރާ ހިމެނެއެވެ.

މި މުބާރާތުގައި 18 ގައުމަކުން 100 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރެއެވެ. އޭގެތެރޭގައި އިންޑިއާ، ރަޝިއާ، ޗައިނާ، ޖަރުމަން، ސްޕެއިން، ނިއު ޒީލަންޑް އަދި އެމެރިކާއިން ބައިވެރިވެއެވެ.

ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓެގަރީތައް ހިމެނޭނެހެން ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތޮއްޑޫ ސްކޫލުގައެވެ. މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ޓީޓީ މުބާރާތެވެ.