ޚަބަރު

ހަނގުރާމައިގެ ސަބަބުން ލުބުނާންގެ އިޤްތިޞާދު 6.4 އިންސައްތައިން ދަށަށްދާނެ


ލުބްނާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން މަޑުޖެހި، މި އަހަރު ލުބްނާނުގެ އިޤްތިޞާދު 6.4 އިންސައްތައިން ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާ، ވޯލްޑް ބޭންކުން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރުގެ މާލީ ކާރިސާއަށްފަހު، 2025ވަނަ އަހަރު 4.2 އިންސައްތައިގެ ކުރިއެރުމަކާއެކު އެ ޤައުމުން މި އަހަރު ފެށީ ވަރުގަދަ އިޤްތިޞާދީ ކުރިއެރުމުގެ ބިންގަލެއްގެ މަތީގައެވެ.

ނަމަވެސް، މާޗް 2026 ގައި ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ވަނީ ކުއްލިއަކަށް މަޑުޖެހިފައެވެ. މިކަމުގެ ސަބަބުން ގެދޮރާއި އުމްރާނީ ވަޞީލަތްތަކަށް އިތުރު ގެއްލުންތައް ލިބި، އާންމުންގެ ގެދޮރު ގެއްލި، މުދާ އުފުލުމުގެ ވިއުގަތަކަށް ބުރޫއަރައި، ފަތުރުވެރިކަމާއި އެތެރޭގެ ވިޔަފާރިއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަހަރު އެ ޤައުމުގެ ޤައުމީ އުފެއްދުންތެރިކަން 6.4 އިންސައްތައިން ވެއްޓޭނެ ކަމަށް ބެލެވެނީ ފަތުރުވެރިކަން ހީނަރުވުމާއި، މުދާ ގަންނަ މިންވަރު ދަށަށް ދިއުމާއި، ސަލާމަތާއި ހަމަޖެހުމުގެ ޙާލަތު ގޯސްވުމުގެ އިތުރުން ރައްޔިތުން ގެދޮރުގެއްލިފައި ތިބޭ މުއްދަތު ދިގުދެމިގެން ދިއުމުގެ ސަބަބުންނެވެ.

މީގެއިތުރުން، ސަޕްލައިއަށް ބުރޫއެރުމާއި، މުދާ އުފުލުމުގެ ޚަރަދު ބޮޑުވުމުގެ އިތުރުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން، ތަކެތީގެ އަގުތައް އުފުލި، އިންފްލޭޝަން 17.5 އިންސައްތައަށް މައްޗަށް އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުގެ މެދުއިރުމަތީގެ ޑިވިޜަން ޑައިރެކްޓަރު ދާލިއާ ޚަލީފާ ވިދާޅުވީ، ލުބްނާނުން އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ޙާއްސަކޮށް ބޭންކިންގް ދާއިރާގެ ހިންގުން އަލުން ތަރުތީބު ކުރުމާއި ފިސްކަލް މެނޭޖްމަންޓް ރަނގަޅުކުރުމަކީ އިތުބާރު އިއާދަކުރުމަށާއި، ހަމަޖެހުން ޤާއިމުކުރުމުގެ އިތުރުން. ޤައުމު އަލުން އާރާސްތުކުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ލުބްނާނުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ މާލީ އިދާރާތައް ހަރުދަނާ ކުރުމަށާއި މާލީ ދަތިކަމުން އަރައިގަތުމަށް ބޭންކިންގ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ފާސްކޮށްފައެވެ.

އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް)އިން ވަނީ މި އިސްލާޙުތަކަށް މަރުޙަބާ ކިޔައި، މިއީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ވާޞިލުވުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ބުނެފައެވެ.

އަދި ލުބްނާނަށް އިޤްތިޞާދަށް ބޭނުންވާ ލޯނު ޕްރޮގްރާމެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، އިތުރު އިސްލާޙީ ފިޔަވަޅުތައް ވަޒަންކުރުމަށް އަންނަ މަހު ވެރިރަށް ބައިރޫތުގައި ފަންނީ ބައްދަލުވުންތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައިއެމްއެފް އިން ވަނީ ޔަޤީންކޮށްދީފައެވެ.

މި ޙާލަތާ ގުޅޭގޮތުން ލުބްނާނުގެ ކުރީގެ އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވަޒީރު އަލަޢިން ޙަކީމް ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ސަރަޙައްދީ ހަމަނުޖެހުންތަކުގެ ތެރޭގައިވެސް އިޤްތިޞާދީ ހަމަޖެހުން ހޯދިދާނެ ކަމަށެވެ. ނަމަވެސް ކުރު މުއްދަތެއްގައި އެކަން ޙާޞިލުވުން ބިނާވެފައިވަނީ ސިޔާސީ އަދި ސަލާމަތާއި ރައްކާތެރިކަމުގެ ޙާލަތުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަކީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލުބްނާނުގައި ޤާނޫނީ މުއައްސަސާތައް ހުރުމާއި، ހަނގުރާމައިގެ ކުރިން އިޤްތިޞާދު ކުރިއަރަމުން ދިޔަކަން ސާބިތުވާތީ މާޔޫސްވާންޖެހޭ ސަބަބެއް ނެތެވެ. އަދި ހަނގުރާމަ ނިމުމަކަށް އައުމުން، ޕްރައިވެޓް ސެކްޓަރާއި އަމިއްލަ ފަރުދުންގެ އިސްނެގުމާއެކު އިޤްތިޞާދީ ޙަރަކާތްތައް އަލުން ވަރުގަދަވެގެން ދާނެކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.