ޚަބަރު

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


  • މި މަޝްރޫޢުގެ ދަށުން ލައިބްރަރީ، ޕްރެޔަރ ރޫމް އަދި ކޮމްޕިއުޓަރ ލެބެއް ޤާއިމްކުރުމަށް ހަމަޖެހިފައިވޭ

އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިމާރާތްކުރާ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ އެޅުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ރަސްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވިި ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އިސްމާޢީލު ޝަފީީޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

މި ރަސްމިއްޔާތުގައި ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން އއ.އަތޮޅު ތައުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބަކާއި، ޕްރެޔަރ ރޫމްއެއް އަދި ލައިބްރަރީއެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

”މިހާރު ހިނގަމުންދާ މަޝްރޫޢުގެ އިތުރަށް، ރަށަށް ކޮންމެހެން ބޭނުންވާ އެއް މަޝްރޫޢު މިއީ، ސްކޫލް މަޝްރޫޢު. މި މަޝްރޫޢުގެ ތެރެއިން ސްކިލް ލެބަރ، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ". ރައީސް ވިދާޅުވިއެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މި މަސައްކަތް ނިމުމާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.