އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރެންޓްފަޑަށް ކުޅެމުން އަންނަ ފޯވާޑް ޔޮއާން ވިސާ ގަންނަން ނިއުކާސަލް ޔުނައިޓެޑުން ހުށަހެޅި 40 މިލިޔަން ޕައުންޑުގެ ބިޑު އެ ކުލަބުން ދޫކޮށްލައިފިއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ނިއުކާސަލްއިން ވިސާ ގަންނަން ހުށައަޅާފައިވަނީ އެއް ފަހަރާ 35 މިލިއަން ޕައުންޑް ދިނުމަށްފަހު އެޑްއޮންގެ ގޮތުގައި އިތުރު 5 މިލިއަން ޕައުންޑް ދިނުމަށެވެ. ނަމަވެސް ބްރެންޓްފަޑުން މި ހުށަހެޅުން ދޫކޮށްލާފައިވަނީ އެ ކްލަބުން ވިސާ އަގުކޮށްފައިވާ އަގަށްވުރެ ދަށް އަދަދަކަށް މި ހުށަހެޅުން ވުމުގެ ސަބަބުންނެވެ.
ވިސާ ވަނީ އޭނާގެ މުސްތަގުބަލާމެދު ގޮތެއް ނިންމުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު ބްރެންޓްފަޑުގެ ވެރިޔާ މެތިއު ބެންހޭމްއާ ބައްދަލުކޮށްފަ އެވެ.
ނިއުކާސަލްއިން ވަނީ މީގެ ކުރިންވެސް ވިސާ ގަންނަން 30 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ ކްލަބު ވަނީ 28 އަހަރުގެ ވިސާ އެ އަގަށް ނުވިއްކާނެކަމަށްބުނެ އެ ހުށަހެޅުންވެސް ދޫކޮށްލާފަ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ބްރެންޓްފަޑަށް 19 ލަނޑު ޖަހައިދީފައިވާ ކޮންގޯއަށް އުފަން ފޯވާޑް ވަނީ ނިއުކާސަލްއަށް ބަދަލުވާން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި މިދިޔަ ހަފްތާގައި ވިސާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ބްރެންޓްފަޑްގެ ނަންތައް ފޮހެލާފައެވެ.
ވިސާ ގަބޫލުކުރާ ގޮތުގައި ބްރެންޓްފަޑުން އޭނާ ވިއްކާލަން އެއްބަސްވާނީ އެ ކްލަބުން އެތަން ފޫބައްދާނެ އިތުރު ކުޅުންތެރިއަކު ހޯދުމަށްފަހުގަ އެވެ. ބްރެންޑްފަޑުން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބަށް މިދިޔަ ސީޒަނުގައި މުހިންމު ލަނޑުތަކެއް ޖަހައިދިން ބްރަޔަން އެމްބުއޭމޯ މެންޗެސްޓަރ ޔުނައިޓެޑަށް ވިއްކާލާފަ އެވެ.