މިއަހަރުގެ ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން"ނުވަތަ ރާއްޖޭގައި ވިހާ މަރުވާ މީހުންގެ ތަފާސްހިސާބު އާންމުކޮށްފިއެވެ. މިތަފާސްހިސާބުތައް އެކުލަވާލާފައިވަނީ ސިއްޙީ ވުޒާރާއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެންނެވެ.
ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން ނެރުމަށް ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމެވެ.
މިއީ ދިވެހިރާއްޖޭގައި ވިހާމަރުވާ ތަފާސްހިސާބު މިއަހަރުތެރޭގައި އާއްމުކުރެވޭ ފުރަތަމަ ފަހަރެވެ. މި ބުލެޓިންގައި ހިމަނާފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގެ ވިހާމަރުވާ މީހުންގެ ތަފާސްހިސާބެވެ.
ސިއްޙީ ވުޒަރާއިން ވިދާޅުވީ މި ބުލެޓިން ޝާއިއުކުރުމުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ސިސްޓަމް ހަރުދަނާކުރުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ވިހާމަރުވާ މީހުންގެ ތަފާސްހިސާބުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް ސައްހަކަމާއެކު ކޮންމެ ތިންމަހުން އެއްމަހުން އާއްމުކުރަމުންގެންދިއުންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ބުލެޓިން އިތުރު ފުރިހަމަ ކަމާއެކު، އެއް ކުއަރޓައާއި އަނެއް ކުއަރޓާއާ އަޅާކިޔާ، މީހުން މަރުވާ މައިގަނޑު ސަބަބުތައް ހިމެނުމަށްފަހު ނެރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިބުލެޓިން އާންމު ކުރުމުގެ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމްވަނީ ރާއްޖޭގެ ވިހާމަރުވާ މީހުންގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި މިފަދަ މުހިއްމު ތަފާސްހިސާބުތައް ބޭނުންވާކަން ފާހަގަކުރާއްވާ ވަޒީރު ވިދާޅުވީ މި ތަފާސްހިސާބުތައް ވަގުތުން ވަގުތަށް ލިބުން ހުރުމަކީ މުހިއްމުކަމެއްކަމަށެވެ.
"ވިހާ މަރުވާ ތަފާސްހިސާބުތައް ކުއަޓާލީކޮށް ލިބޭނެ އިންތިޒާމް ހަމަޖެހި ޑިޖިޓަލައިޒްކޮށް ބެލެހެއްޓި އެންމެންނަށްވެސް މި މަޢުލޫމާތުތައް ފަސޭހައިން ލިބޭނެ ގޮތަކަށް ރައްކާކުރެވިފައި ހުންނާނެ ނިޒާމެއް ޤާއިމްވެގެން ދިޔުން މުހިންމު. މިހާތަނަށް މިކަން ވަމުން އަންނަ ގޮތަކީ އެއަހަރެއްގެ ޑޭޓާ މިލިބެނީ އޭގެ އެއްއަހަރު ފަހުން ނުވަތަ ދުވަސްތަކެއް ފަހުން. އޭގެ ބަދަލުގައި އަހަރަކު 4 ފަހަރު ލިބެން ހުރުމުގެ ސަބަބުން ޑޭޓާތަކަށް ކުރެވޭ އިތުބާރު ބޮޑުވެގެންދާނެ. ހަމައެކަނި ހެލްތުގެ ސިޔާސަތެއް ނޫން. ތަޢުލީމީ ސިޔާސަތުތަކާއި އިޖުތިމާޢީ އެހެނިހެން ސިޔާސަތާއި އިޤްތިޞާދީ ސިޔާސަތުތަކަށްވެސް މިޑޭޓާތައް ލިބެން ހުރުމަކީ މުހިންމުކަމެއް. ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއާ ގުޅުންހުރި މިފަދަ މުހިންމު ބުލެޓިންއެއް އެކުލަވާލުމުގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ އާބާދީގައި އެންމެ ފަހުގެ ވިހާ މަރުވާ މީހުންގެ ތަފާސްހިސާބުތައް ސައްޙަކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
މި ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން ވިހާފައިވާއިރު މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. ހަމަ މި މުއްދަތުގައި ޖުމްލަ 374 މީހުން މަރުވެފައިވާއިރު، މި އަދަދުގެ 63 އިންސައްތަ އަކީ ފިރިހެނުންނެވެ. އަދި މަރުވި މީހުންގެ އުމުރުފުރައަށް ބަލާއިރު ގިނައީ ދޮށީ އުމުރުފުރާގެ މީހުންނެވެ.
މި ތަފާސްހިސާބުތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.
މި ބްލެޓިންގެ އެހީގައި ޅަފަތުގައި ކުދިން މަރުވާ މިންވަރާއި ވެހެއުމުގެ ތެރޭގައި މައިން މަރުވާ މިންވަރާއި އުފަންވާއިރު ދިރިހުންނާނެކަމަށް ލަފާކުރާ އެވްރެޖް އުމުރުފަދަ އާބާދީއާ ގުޅުން ހުރި މުހިއްމު ތަފާސްހިސާބުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން މިފަދަ މަޢުލޫމާތުތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖެއިން ހާސިލްކުރަމުންދާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެއެވެ.