1972 ވަނަ އަހަރު ރާއްޖެއަަށް ތައާރަފްވެެގެންދިޔަ ފަތުރުވެރިކަމަކީ މިއަދު ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާއަތެވެ. ވަކިން އޮންނަ ފަޅު ރަށްރަށުގައި ފެށި ރިސޯޓް ފަތުރުވެރިކަން ކުރިއަރަމުން ގޮސް، މިއަދު ރާއްޖޭގައި ފަތުރުވެރިކަމުގެ އެކި ބާވަތްތައް ދަނީ ކުރިއަރުވަމުން. އެގޮތުން ސްޕޯޓްސް ޓޫރިޒަމް، މައިސް ޓޫރިޒަމް، ގެސްޓްރޮނޮމީ އަދި ލޯކަލް ޓޫރިޒަމް ނުވަތަ ރަށު ފަތުރުވެރިކަން ރާއްޖޭގައި މިއަދު ދަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ޙާއްސަކޮށް ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ފައިދާ ނުލިބޭ ރަށެއް ނެތޭ ދެންނެވޭ މިންވަރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދަނީ ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުންނެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާއިރު، އެކަމުން ލިބޭ ފައިދާތަކުގެ އިތުރުން، ރައްޔިތުން ނުރުހޭ ނުވަތަ ހިތްހަމަނުޖެހޭ ބައެއް މަންޒަރުތަކާއި ކަންކަންވެސް ފަހަކަށް އައިސް ދަނީ އިތުރުވަމުންކަން މިއީ ދެބަސްނުވެވޭނެ ހަޤީޤަތެކެވެ. އެގޮތުން ދިވެހީންގެ އާދަކާދައާއި އިސްލާމީ އުސޫލުތަކާއި ހިލާފު ކަންކަން އަޅުގަނޑުމެން ދިރިއުޅޭ ރަށްރަށުން ފެނުމަކީ އެއްވެސް ދިވެއްސަކު އެކަމަށް ތާއީދުކުރާނެކަމެއް ނޫނެވެ. މިގޮތުން ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުމާއި، މަސްތުގެ ހާލަތުގައި އުޅުމާއި އަދި އެހެންދީންތަކުގެ މުނާސަބާތައް ފާހަގަކުރުންފަދަ ކަންކަމަކީ ދިވެހި ރައްޔިތުން އެކަންކަމާއި އަބަދުވެސް ދެކޮޅު ހަދާނެ ކަންކަމެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އާއްމު އިޖްތިމާޢީ މިންގަނޑާއި ހިލާފު އަމަލުތައް ފެންނަކަމުގެ ޝަކުވާ ގިނަވަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އއ.އަތޮޅަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން އުކުޅަހު ކުޑަކުދިންތަކެއްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަމާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅުއްވާފައެވެ.
"މި ރަށުގެ ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް އަޅުގަނޑު ކިޔާލާނަން. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް. ހަމަ އޮތްގޮތަށް ކިޔާލާނަން. 'ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗްގައިވެސް، ރެސްޓޯރެންޓްގައިވެސް، މަގުމަތީގައިވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން.' ވަރަށް ރީތިކޮށް ކުރަހާފައި އޮތް ކުރެހުމަކާ އެކީގައި، ކުޑަކުދިން އަޅުގަނޑަށް ދިން މެސެޖެއް. ވަރަށް ނިޔަނެތިކޮށް، ވަރަށް ސާދާކޮށް މިއޮތީ، އަޅުގަނޑު މި ދަންނަވާ ވާހަކަ" އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އާއްމު އިޖްތިމާޢީ މިންގަނޑާއި ހިލާފު އަމަލުތައް ފެންނަކަމުގެ ޝަކުވާ ގިނަވަމުންދާކަމަށާއި، އެކަންކަމަށް ސަމާލުކަން ދެއްވުމަށް ރައީސް އިލްތިމާސްކުރެއްވުމުން ބައެއް ފަރާތްތަކުން ދަނީ އެ ވާހަކަ ދެއްކެވި މަޤްޞަދު އޮޅުވާލައިގެން ސަރުކާރާމެދު ވިޔަފާރިވެރިންނާއި ރައްޔިތުންގެ ނުރުހުން އަމާޒުވާނޭގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަަތައް ފަތުރަމުންނެވެ. އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅަކީ ލޯކަލް ޓޫރިޒަމާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކުރައްވާފައެވެ. ނަމަވެސް ރައީސް ދެއްކެވި ވާހަކަފުޅަށް ނަޒަރު ހިންގާލާއިރު، ލޯކަލް ޓޫރިޒަމް ވިޔަފާރިއާމެދު އެއްވެސް ނުރުހުމެއް އޮތްކަމެއް ވިދާޅުނުވާކަން ވަރަށް ސާފެވެ. އެމަނިކުފާނު ހަމައެކަނި އިލްތިމާސްކުރެއްވީ އަޅުގަނޑުމެންގެ ދީނާއި އަޤީދާއާއި ސަގާފަތާއި އާދަކާދަތަކަށް އިހްތިރާމްކުރެއްވުމަށެވެ.
"އަޅުގަނޑުމެންނަށް މި ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފަންޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އިޚްލާޞްތެރިކަންމަތީގައި ތިބެގެން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ތިބި ބައެއްކަން ގަބޫލުކޮށްގެން، އަޅުގަނޑުމެންގެ އައިޑެންޓިޓީގެ މަތިން އަބަދު ހަނދާންކޮށްގެން. އެއީ، އަޅުގަނޑު އަބަދުވެސް މި ދައްކާ ވާހަކައަކީ. މި ސިކުނޑި ތަރައްޤީނުވަންޏާ، ކިތަންމެ ގިނަ އިމާރާތްތަކެއް އެޅިޔަސް، މަގުތައް ހެދިޔަސް، ބީޗްތައް ހެދިޔަސް، ސްލިޕްވޭ ހެދިޔަސް، ބަނދަރު ހެދިޔަސް، އެއްކަމެއް ކުރިޔަސް، ކުރާނެ ފައިދާއެއް ނޯންނާނެ. އެއްވެސް ފައިދާއެއް ނޯންނާނެ. ކުޑަހިނދުކޮޅަކު އުޅޭނެ ދުނިޔެއެއް މިއީ. ދާންއޮތް މަންޒިލް އަޅުގަނޑުމެން ރައްކާތެރިނުކުރަންޏާ، ކަށަވަރުނުކުރަންޏާ، އަޅުގަނޑުމެންނަށްވުރެ މޮޔަ ބަޔަކު އެބަތިބިތޯ؟ އެހެންވީމާ، މުއްސަނދިކަން ހޯދާއިރުގައި، ނޫނީވިއްޔާ ކަމަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރުގައި، އެ ކުރެވޭ މަސައްކަތް އެ ކުރެވެނީ، ރަނގަޅު މަގުގައިތޯ އަޅުގަނޑުމެން ބަލަންޖެހޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅަކީ ލޯކަލް ޓޫރިޒަމަށް ހުރަސް އެޅުއްވުމާއި އެކަމަށް ނުރުހުން ފާޅުކުރެއްވުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއްވިނަމަވެސް، ރައީސްގެ ވާހަކަފުޅު އެއްކޮށް އަޑުއަހާލުމުން ސަރުކާރުގެ ނިޔަތަކީ އެއީ ނޫންކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ހަމަ މިބައްދަލުވުމުގައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާކުރެއްވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.
"ރީތި ހަމަތަކުގެ މަތިން، އިސްލާމްދީނުގައި ވާގޮތަށް، މި އިންޑަސްޓްރީގައި، މި ވިޔަފާރީގައި ބާރުމިނުގައި ކުރިއަށްދާންވީ. މި ސަރުކާރު އޮންނާނީ ފުރިހަމައަށް ތިޔަބޭފުޅުންނާ އެކީގައި. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، އަދި ހަމަ ޔަޤީން، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރާނެ ހަމައަކީ، މި ދެންނެވި ގޮތް. އެހެންވީމާ، އެގޮތުގައި ކުރިއަށް ދިޔުމަށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ނަސޭހަތްތެރިވަން، އިލްތިމާސްކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިފަދައިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާކޮށް، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރަށްރަށުގެ ބެޑް ކެޕޭސިޓީ އިތުރުވަމުންދިއުމާއެކު ފެނާއި ނަރުދަމާއާއި ކަރަންޓަށް އޮންނަ ބާރުބޮޑުވުމުން އެކަން ހައްލުކޮށްދެއްވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް، ކަރަންޓްގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސެވުމަށް އެއަރޕޯޓްތައް ތަރައްޤީކުރުމާއި ސީ ޕްލޭން އޮޕަރޭޝަންތައް ފެށުމާއި ފެރީގެ ޚިދުމަތް ދަނީ ފުޅާކުރައްވަމުންނެވެ. ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ އާމްދަނީ ބޭންކިން ނިޒާމަށް ވެއްދޭނެ ފަސޭހަ އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި މުޅި ރާއްޖޭގައި ސެލްފް ސަރވިސް އޭޓީއެމް އާއި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ބާރު ސްޕީޑުގައި ކުރިއަށްގެންދަވަމުންނެވެ. އަދި ފަތުރުވެރިންނަށް ހިތްޤާއިމު މަންޒިލެއްގެ ގޮތުގައި ރަށްރަށް ބޭއްވުމުގެ ގޮތުން ތާރު ނުވަތަ ގާ އަޅައިގެން މަގުތައް ތަރައްޤީކުރުމުގެ ބަދަލުގައި މިހާރު އޮތް ވެލިމަގުތައް އެގޮތުގައި ބޭއްވުމަށް މަގުފަހިވާނޭ ހުރިހާ ކަމެއް ސަރުކާރުން ދަނީ ކޮށްދެއްވަމުންނެވެ. މީގެއިތުރުން އެންމެފަހުން އެކުލަވާލި ޑޮލަރު މާރުކުރުމުގެ ޤަވާއިދުގައިވެސް ރަށްރަށުގައި ގެސްޓް ހައުސްތައް ހިންގަވާ ފަރާތްތަކަށް ވަނީ ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވާދެއްވާފައެވެ.
މި ހުރިހާ ކަމަކަށް ބަލާލުމުންވެސް އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދެއްވާ އަހަމިއްޔަތުކަމާއި ކުރައްވާ މަސައްކަތްކަން ޔަޤީނެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި އިސްލާމީ އުސޫލުތަކާއި ދިވެހީންގެ އާދަކާދަތަކަށް އިހްތިރާމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވުމަކީ އެ ވިޔަފާރިއަށް ސަރުކާރުން ހުރަސް އަޅަން ނުވަތަ އެ ވިޔަފާރިއާ މެދު ސަރުކާރުގެ ނުރުހުން އޮތްކަން ހާމަކުރުމަށް ދެއްކެވި ވާހަކަތަކެއް ނޫންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ފަހުމްވާނެ ކަމެއްކަމާމެދު ޝައްކެއް ނެތެވެ.