މޯލްޑިވްސް އިމިްގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު 3 ކެމްޕޭނެއް ފަށައިފިއެވެ.
އެ ތިން ކެންޕޭނަކީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.
އިމްގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް އިތުރަށް ރަނގަޅުކުރުމަށްޓަކައި ފަށާފައިވާ ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުން މި ތިން ކެމްޕޭނު އިފްތިތާޙްކޮށްދެއްވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހްމަދު ފަސީޙްއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން ކެމްޕޭނުގައި ބޮޑަށް އަމާޒުހިފާފައިވާނީ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށާއި، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް އޮފިސަރުންނަށް ހިތްވަރުދޭނެކަމަށެވެ.
މީގެއިތުރުން ނަޒާހާތްތެރިކަން އިސްކުރަމާ ކެމްޕޭނުގެ ތެރެއިން، ތެދުވެރިކަމާއި ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާންކޮށްދިނުމަކީ މި ކެމޕޭނުގެ މަޤްސަދެއްކަމަށެވެ.
އިންސާނިއްޔަތުކަން ދެމެހެއްޓުން ކެމްޕޭނުގައި ބޮޑަށް އަލިއަޅުއްވާލައްވާނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިޚްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި ކެމްޕޭނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހްމަދު ފަސީޙް ވިދާޅުވީ، އިމިގްރޭޝަނުން އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށްކަމަށެވެ.
"މި ކެމްޕޭންތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ނަޒާހާތްތެރިކަމާއި، އިޚްތިރާމާއެކު، އަބަދުވެސް ހިނިތުންވުމާއެކު ޚިދުމަތްދިނުމުގެ މުހިންމުކަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތކުރަންވީ އިތުބާރު ހިފޭ، ރައްޔިތުންގެ ލޯތްބާއި، ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށް" ފަސީޙު ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައި ހުރި އިމްިގްރޭޝަނުގެ އޮފިސްތަކުގައިވެސް މި ކެމްޕޭނުތައް ކުރިއަށްދާނެކަމަށާއި، ހުރިހާ އިމިގްރޭޝަން އޮފިސަރުން މި ކެމްޕޭނުތަކުގައި ޢަމަލީ ގޮތުން ބައިވެރިވާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މި ކެމްޕޭނުގެ ތެރެއިން ތަޖުރިބާކާރުން ކުރިއަށްގެންދާ ސެޝަންތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިްގްރޭޝަނުން ވިދާޅުވެއެވެ.