ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


  • މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00ގައި

  • ދިދަ ނެގުމަށްފަހު ޚާއްސަ ދުޢާއެއްވެސް ކުރުން އޮތް

ޤައުމީ ދުވަސް ފާހަގަކުރުމަށް ތިލަދުންމަތީ އުތުބުރީ އުތީމުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު 6:00ގައި އުތީމުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، އުތީމު ކައުންސިލުގެ ރައީސްއާއި، ކައުންސިލުގެ މެންބަރުންނާއި އެރަށުގައި ހުރި ދަޢުލަތުގެ އެކި މުޢައްސަސާތަކުގެ ވެރިންގެ އިތުރުން އެރަށުގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ޚާއްސަ ދުޢާއެއްވެސް ކުރުން އޮތެވެ.

ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް، ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ހިޖުރީ ގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފައިވެއެވެ.