ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރެއްކުރާނެކަމަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިވާދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއެއްގޮތަށް އަތޮޅުތެރޭގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް މިއަހަރާ އަންނަ އަހަރުގެ ތެރޭގައި ގާއިމުވެގެންދާނެކަމަށެވެ. އެގޮތުން ނައިވާދޫގައި ގާއިމުކުރެވިގެންދާ ފިޓްނެސް ސެންޓަރާއެކު ރައްޔިތުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރަކަށްވެގެންދާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"ފިޓްނެސް އެންޑް ރިކްރިއޭޝަންއަކީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ދެއަހަރުދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވަޢުދުވެވަޑައިގެންފައިވާގޮތުން 2025 އަދި 2026 ވަނަ އަހަރު މި ދެ އަހަރަކީ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުވެގެންދާނެ ދެ އަހަރުކަމުގައިވަނީ. އަދި ހަމަ އެއާއެކު މިރަށުގައިވެސް ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ ބިންގާ އިރާދަކުރެއްވިއްޔާ އެޅިގެންދާނެ. މި ސެންޓަރަކީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށްޓަކައި ވަރަށް ބޮޑަށް އެހީތެރިވެދޭނެ މަރުކަޒެއް" ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.
ނައިވާދޫގައި ގާއިމުކުރާ ފިޓްނެސް ސެންޓަރަކީވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ސެންޓަރެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން އިންޑޯ ކުޅިވަރުތަކާއި ބޯޑް ގޭމުތައްވެސް އެތަނުން ކުޅެވޭނެކަމަށާ އޭގެ ތެރޭގައި ޓީޓީ، ޕޫލް، ބިލިއާރޑް އަދި ގާރލަންޑޯ ފަދަ ކުޅިވަރުތައް ހިމެނޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން މި ސެންޓަރުތަކަކީ ދެ ޖިންސުގެ ރައްޔިތުން ކަސްރަތުކުރުމަށް އެރޮބިކްސް ސްޓޫޑިއޯއެއްވެސް ހިމަނައިގެން ފަރުމާކޮށްފައިވާ ތަނެއްކަމަށާއި، އަދި ހަމަ އެއާއެކު ފިޓްނެސްގެ ދާއިރާއިން ޒުވާނުން އުފައްދާ ހޭލުންތެރިކުރުމަށްޓަކައި އިންޑޯ ޖިމެއްވެސް ގާއިމުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނައިވާދޫއަކީވެސް ކުޅިވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަމުން ކުޅިވަރު ވުޒާރާއިން ބާއްވަމުންގެންދާ ކުޅިވަރާ ގުޅުންހުރި ކޯސްތަކުގެ ތިއެރީ ކްލާސްތައް ކުރިއަށް ގެންދިއުމަށް ޚާއްސަ ކުލާސްރޫމެއްވެސް ފިޓްނެސް ސެންޓަރުގައި ގާއިމުކުރާނެކަމަށެވެ. އަދި މީޓިންގ ރޫމެއްގެ އިތުރެއްގެ އޮފީސް ކޮމްޕްލެކްސްއެއްވެސް އެތަނުގައި ހިމެނޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިރަށަކީވެސް ވަރަށް ކުޅިވަރަށް ލޯބިކުރާ ބައެއް އުޅޭ ރަށެއް. އޭގެ ތެރޭގައި ވޮލީ، ފުޓްބޯލް އަދި ފުޓްސަލް މިކަހަލަ ކުޅިވަރުތައް ވަރަށް ފޯރިއާއެކު ކުރިއަށްދާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިނިސްޓްރީން ދޭތެރެ ދޭތެރެއިން މިބާއްވާ ކޯސްތައް އެއީ ކޯޗިންގ ކޯސްވިޔަސް، އަދި ރެފްރީން ކޯސްވިޔަސް އެކޯސްތަކުގެ ތިއެރީ ކްލާސްތަކާ ޕްރެކްޓިކަލް ކްލާސްތައް ކޮންޑަކްޓުކުރާއިތު، ތިއެރީ ކްލާސް ކޮންޑަކްޓުކުރާނެ ކުލާސްރޫމެއްވެސް މިބިނާގެތެރޭގައި ހިމެނިގެންދާނެ. ހަމައެއާއެކު މީޓިންގ ރޫމާއި އޮފީސް ކޮމްޕްލެކްސްއެއްވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ" ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ރަށްރަށުގައި ގާއިމުކުރެވިގެންދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ދޭދޭ ގުޅުންތައް ވަރުގަދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެތަންތަނަކީ ރަށުގެ ކުދި ބޮޑު އެންމެން އެއްވެ، އެކުވެރިކަން އާލާކޮށްދޭނެ ތަންތަނަށްވާއިރު، މިކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއަޅާދޭނެކަމަށް ވަޒީރު ރާފިޢު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކުގެ މަސައްކަތް މިހާރުވަނީ ބައެއް ސަރަހައްދުތަކުގައި ފެށިފައެވެ. މިއަހަރާއި އަންނަ އަހަރުން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާއިރު، މިއީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.