ޚަބަރު

ރިވައިވަލް ސްޕޯޓްސްއިން ތަމްރީނުތަކަށް މެލޭޝިއާއަށް


  • މި ދަތުރުގައި ރިވައިވަލްގެ 12 އެތުލީޓުން ވާދަކުރާނެ

  • މެލޭޝިއާ އަށް ފުރި ޓީމުގައި 23 އަހަރުން ދަށުގެ އެތުލީޓުން ހިމެނޭ

ބެޑްމިންޓަނުގައި ބައިނަލަގްވާމީ އަދި އެތެރޭގެ މުބާރާތްތަކުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ރިވައިވަލް ސްޕޯޓްސްއިން އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަށް އަމާޒު ހިފާ ފެށި މަސައްކަތުގެ ތެރެއިން އެ ކުލަބްގެ އެތުލީޓުން ތަމްރީނު ހޯދުމަށް މެލޭޝިއާއަށް ފުރައިފިއެވެ.

ރިވައިވަލް އިން ވަނީ މީގެ ކުރިން އެ ކުލަބްގެ އަމާޒެއް އަންނަ އަހަރު ކޮމޮރޮސްގައި ބާއްވާ އައިއޯއައިޖީގައި އޮތްކަން ހާމަކޮށްފައެވެ. އެގޮތުން ރާއްޖެ ތަމްސީލުކުރާ ގައުމީ ބެޑްމިންޓަން ސްކޮޑުގައި ރިވައިވަލްގެ ހަ ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިން ހިމެނުން އެއީ އެ ކުލަބްގެ އަމާޒެއް ކަމަށް ވަނީ ބުނެފައެވެ.

އެ އަމާޒަށް ވާސިލުވުމަށް ރިވައިވަލްއިން ފަށައިފައިވާ މަސައްކަތުގެ ތެރެއިން ރިވައިވަލްގެ 12 އެތުލީޓުން މި ވަނީ މެލޭޝިއާއަށް ފުރައިފައެވެ. މީގެ އިތުރުން ދެ ކޯޗުންވެސް ޓީމާއެކު ދަތުރުކުރާނެއެވެ.

ރިވައިވަލްއިން މެލޭޝިއާއަށް ކުރާ ތަމުރީނު ދަތުރުގައި ބައިވެރިވަނީ ސީނިއާ ސްކޮޑުގެ ކުޅުންތެރިންގެ އިތުރުން 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

ރިވައިވަލް އިން ބުނީ މި ދަތުރުގެ މައިގަނޑު މަގްސަދަކީ އަންނަ އަހަރު އައިއޯއައިޖީ އަށް އެ ކްލަބުން ހާސިލްކުރަން ބޭނުންވާ ޓާގެޓަށް އަމާޒުވުން ކަމަށެވެ. އަދި މީގެ އިތުރުން މި ދަތުރުގެ ތެރެއިން މެލޭޝިއާގައި ކުރިއަށްދާ ބީޑަބްލިއުއެފް ދެ މުބާރާތް ކަމަށްވާ ޕެޓްރޮނަލް މެލޭޝިއާ އިންޓަނޭޝަނަލް ޗެލެންޖް 2026 އާއި ޕެޓްރޮނަލް މެލޭޝިއާ އިންޓަނޭޝަނަލް ސީރީޒް 2026 ގައި ބައިވެރިވާ ޓީމަށް ތަމްރީނު ދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މި އަހަރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ބައިވެރިވާ ގައުމީ ޓީމުގެ އެތުލީޓުންގެ ތެރެއިން ރިވައިވަލްގެ އެތުލީޓުންނަށް މި ދަތުރުގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ކްލަބުން ބުނެއެވެ.

ރިވައިވަލްގެ ކުޅުންތެރިން ވަނީ ބައިނަލްއަގްވާމީ ލެވަލްގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ރާއްޖެ އަށް ހޯދައިދީފައެވެ.