ހދ. ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި، އެރަށު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މިއެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
ނެއްލައިދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 3086 މީޓަރުގެ ދިގު މަގެއްގައި، 15،265 މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމްކުރުމާއި، 3،406 މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާޢިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނެއްލައިދޫ މަގުހެދުމުގެ މަޝްރޫޢަކީ 58.19 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 720 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫޢުގެ ދަށުން، 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 6.94 މިލިޔަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.