ޚަބަރު

ވައިކަރަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • 2،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރެވޭނެ

  • މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސް ތެރޭގައި ނިންމާގޮތަށް

ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައިކަރަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 2،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 366 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްލުމާއި 74 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. މި މަސައްކަތަށް 34 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

ވައިކަރަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ބަނދަރަށް އިތުރު ބަދަލު ގެނެސް، މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ މައްސަލައެއް ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫޢާއެކު ރަށުގައި މޫދަށް އެރޭނެ ތަނެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި ފަތާ ޓްރެކެއްވެސް ރަށުގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.