ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 63 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ކުޅުން މާލޭ ޓީޓީ ހޯލުގައި ފޯރިއާއެކު ކުރިއަށްއެބަދެއެވެ. 89 ބައިވެރިންނާއެކު ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 371 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ އުމުރުފުރާގެ އޯޕަން އަދި ޑަބަލްސް ކެޓެގަރީގެ މެޗުތައް ކުޅޭނެއެވެ.
މީގެ އިތުރުން މި މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަން އަދި ވެޓެރަންސް ކެޓެގަރީގެ ކުޅުންވެސް ކުރިއަށްދާނެއެވެ.
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި މާލެ ސިޓީގެ އިތުރުން ރަށްރަށުން ބައިވެރިވާ ކުޅުންތެރިންވެސް ވާދަކުރެއެވެ. މި އަހަރުގެ ގައުމީ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއީ މިއަހަރު ކުރިއަށްދާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ.