ޚަބަރު

މުހިއްމީ ގެންގުޅޭ ސިޔާސީ ފިކުރެއް ނޫން؛ މުހިއްމީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން: ރައީސް


  • ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތަށް ސަރުކާރުން ހުރަަސް ނާޅުއްވާނެކަމަށް

  • ކައުންސިލްތަކުން އެދޭގޮތަށް ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި

ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ސިޔާސީ ފިކުރަށް ނުބައްލަވާނެކަމަށާއި، ސަރުކާރުން ބޭނުންވަނީ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް ނެތި ވައުދުތައް ފުއްދެވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުން އެދޭ ތަރައްޤީއަށް ވާސިލުވުމަށްކަމަށެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ގެންނަވާފައިވާ އިސްލާހުތަކަކީވެސް ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެސްފައިވާ އިސްލާހުތަކެއްކަން ތަކުރާރުކުރެއްވިއެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ ނިޒާމު އިތުުރަށް ވަރުގަދަކޮށްދީ، ހެޔޮވެރިކަމެއްކޮށްދެވޭނެ ގޮތްތައް ހެދުމާއެކު، ކައުންސިލްތައް ޒިންމާދާރުކުރެވޭނެ ގޮތަށް ގެންނަވާ އިސްލާހުތަކެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން އޮތް ސަރުކާރުތަކުން ކައުންސިލުތަކުގެ މަސައްކަތްތަކަށް ހުރަސް އެޅިނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތަށް ހުރަސް ނާޅުއްވާނެކަމަށެވެ.

"އަޅުގަނޑު މޭޔަރަކަށް ހުރިއިރު އޭރުގެ ސަރުކާރުން ކުރިމަތިކުރި ޖެއްސުންތަކާއި ހުރަސްތައް އަޅުގަނޑު މިހުރީ އަޒުމް ކަނޑައަޅައިގެން އަޅުގަނޑުގެ ސަރުކާރުން އެއްވެސް ކައުންސިލަކަށް ކުރިމަތިވިޔަ ނުދޭން. އެހެންވީމަ އެއްވެސް ބޭފުޅަކަށް އެހެން ވިދާޅުވުމުގެ ފުރުސަތެއް ނުލިބޭނެ. އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަންކުރުން. އެހެންވީމަ މިހުރިހާ ކުރިއެރުންތަކެއް މިގެނެސްދެނީ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް މާލެ ގެނެސް ކަންކަމަށް އާދޭސް ދެންނެވުމުގެ ސަގާފަތް ދޫކޮށް، ރައްޔިތުންނާއި ކައުންސިލްތަކާއި ގާތަށް ސަރުކާރުގެ ވެރިން ޒިޔާރަތްކޮށް، ރައްޔިތުން އެދޭ ކަންކަން ބެއްލެވުންކަމަށެވެ. އަދި ކައުންސިލްތަކުން އެދޭ ގޮތަށް ކަންކަން ކޮށްދެއްވަމުންދާކަމަށާއި، އަދި މާލީ ބާރުވެރިކަންވެސް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދެއްވަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތަރައްްޤީގެ ގެނެސްދެއްވުމުގައި ބައްލަވަނީ ރަށުގެ އާބާދީ ނުވަތަ ސިޔާސީ ފިކުރަށްވެސް ނޫންކަމަށެވެ. އޭގެބަދަލުގައި ސަރުކާރުގެ އިސްކަންދެއްވަނީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިދީ، ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލުކޮށްދެއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.