ޚަބަރު

މުދާ ސަޕްލައިކޮށްދިނުމަށް ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި


  • މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ.ފޭދޫ، ޑޭލައިޓްވިލާ، ޝިހާން ޝިޔާމް

  • މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ޑޭލައިޓްވިލާ، 29އ ޝިހާން ޝިޔާމެވެ.

ފުލުހުން ވިދާޅުވީ، ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި ޝިހާން ޝިޔާމް، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ.

މި 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓުގައި ދައުރުކޮށްފައިވާކަމާއި، ޖުމްލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މި މައްސަލައާމެދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.