ކުޅުދުއްފުށީ ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ގާއިމުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއަންނަމަހުގެ 18 ވަނަ ދުވަހު ފެށޭ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރަަތަކީ ރާއްޖޭގެ ރަަށެއްގައި މި ގޮތަށް ބޭއްވޭ އެންމެ ބޮޑު ޓޯނަމަންޓް ކަމަށާއި މިއީ ކުޅުދުއްފުށި ރައްޔިތުންނަށް ލިބިގެންދާ ބޮޑު ފަހުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ކިރިޔަށް ގެންދަަ މުބާރާތެއް ކަމަށާއި ކައުންސިލުން ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކުޅުދުއްފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
ކުޅުދުއްފުށީ ހޭންޑް ބޯޅަ ކޯޓުގައި ގާތްގަނޑަކަށް 500 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭނެ ގޮތަށް ހިޔާކޮށްގެން ސިޑިބަރިއެއް ދާއިމަށް ދެމިގެންދާގޮތަށް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ބީޗް ހޭންޑްބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެެއް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ހޭންޑްބޯޅައާއި ފުޓްސަލް ކުޅެވޭ ވަރުގެ ބޮޑު ދަނޑެއް އަޅައިދެއްވާނެ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ފުޓްބޯޅަ ދަނޑުގައިވެސް ނިންމަން ހުރި ހުރިހާ ކަމެއްވެސް މި އަހަރުތެރޭގައި ނިންމައިދެއްވާނެ ކަމަށާއި ކުޅިވަރުގެ ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިކަންކަން ކުޅިވަރު ވުޒާރާއިން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން ކަމަށް ރައީސް ވިދާޅުވިއެވެ