ޚަބަރު

ވީއައިއޭ ފުލް ސްކޭލް އެކްސަސައިޒް: 1 ގަޑިއިރަށް ރަންވޭ ބަންދުކުރާނެ


  • އެކްސަސައިޒް ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު

  • ރަންވޭ ބަންދުކުރާނީ ހަވީރު 4:00 އިން 5:00 އަށް

  • އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވޭ

ވެލާނާ އެއަރޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރި ނަމަވެސް، ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެއަރޕޯޓު ފުލް ސްކޭލް އެކްސަސައިޒަކީ، ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން ކޮންމެ 3 އަހަރަކުން އެއްފަހަރު ކޮންމެ އެއަރޕޯޓަކުން ހަދަން ލާޒިމް ކުރާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި އެއަރޕޯޓުގެ ހުރިހާ ޚިދުމަތެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބަލައި އެހެން ހުރިހާ މުޢައްސަސާއަކާއި ގުޅިގެން ކުރެވޭ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައް ވަޒަން ކުރާނެއެވެ.

އަންނަ މަހު 8 ވަނަ ދުވަހު ކުރިއަށް ގެންދާ އެކްސަސައިޒުގައި އެއަރޕޯޓުގެ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން ބައިވެރިވާނެއެވެ. މީގެތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭގެ ހޮސްޕިޓަލްތަކާއި ސިޓީ ކައުންސިލުގެ އިތުރުން ކަމާއި ގުޅޭ މުޢައްސާތަކާއި ވުޒާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަކާތްތެރިވާނެއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އަޒީނާ އަބްދުލް މަތީން ވިދާޅުވީ މި ހަރަކާތުގައި އެކްސަސައިޒު ފެށުމުގެ ކުރިން ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން މުޢައްސަސާތަކަށް މައުލޫމާތު ދިނުމާއި އެދުވަހުގެ ކަންކަން ރާވާ އިންތިޒާމު ކުރުމަށް މުޢައްސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މީގެތެރޭގައި އެދުވަހު މުޢައްސަސާތަކުން ފޯރުކޮށްދެވޭނެ ވަސީލަތްތަކާއި ކުރެވޭނެ ކަންކަން ދެނެގަންނަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކްސަސައިޒް އެކްޓިވޭޓް ކުރަނީ ހަވީރު 4:00 ޖަހާއިރު. އޭގެ ފަހުން ރޭގަނޑު 9:00 ޖަހަން ދެން ކުރިއަށް ދާނެ. މި ގަޑީގައި ރަންވޭ ބަންދުކުރާނެ 4:00 އިން 5:00 އަށް. ރަންވޭ އަޅުގަނޑުމެން ބަންދު މިކުރަނީ ފަޔަރފައިޓިން މޮކަޕްއަށް. އެހެންވީމަ ދުމުގެ އަސަރު ހުރެ އަލިފާން ފެންނާނެ. އެހެންވީމާ ރައްކާތެރިކަމަށް ރަންވޭ ބަންދުކުރަނީ " އަޒީނާ ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވަނީ މިހާ ގިނަ މުޢައްސަސާތަކާއެކު މިފަދަ ހަރަކާތެއް ކުރިއަށްދާއިރު ވަރަށް ގިނަ ކަންކަން އެއްފަހަރާ ކުރިއަށްދާނެކަން ފާހަގަކޮށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިއާއެކު އެއަރޕޯޓު ސަރަހައްދު ޓްރެފިކް ފްލޯއަށް އަންނަ ބަދަލުތަކާއި އަދި މަގުތަކުގެ ޓްރެފިކަށް ބަދަލެއް އަންނަ ނަމަ އެކަންވެސް ކުރިން އަންގާނެކަމެއް ވިދާޅުވެއެވެ.

އަޒީނާ ވިދާޅުވީ މި އެކްސަސައިޒު ކުރިއަށްދާނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާ ގޮތަށް ކަމަށެވެ. އަދި އެއްވެސް ފްލައިޓެއް ޑިލޭވުން ފަދަ ކަމެއް ނުހިނގާނެހެން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފުރަން އަންނަ ހުރިހާ ފަރާތްތަކުންވެސް ގަޑިއަށް ޗެކިންއަށް އައުމަށް އެމްއޭސީއެލްއިންވަނީ އިލްތިމާސްކުރައްވާފައެވެ.

"ޝެޑިއުލިން އެއްވެސް މައްސަލައެއް ނޫޅޭނެ. މިވަގުތު ޝެޑިއުލްކޮށްފައި އިންގޮތަށް ޓޭކް އޮފް ލޭންޑިން ކުރިއަށްދާނެ ކަމަށް ޤަބޫލުކުރެވެނީ. އެ 1 ގަޑިއިރަށް ރަންވޭ ބަންދުކުރާތީ ނޯޓަމް އިޝޫކޮށްފައި. ހުރިހާ އެއަރލައިންތަކަށްވެސް ދީފައިވަނީ. އެހެންވީމަ މިގަޑިއަށް ނުވަންނަ ގޮތަށް ފްލައިޓް ޝެޑިއުލްވެސް އިންނާނީ" އަޒީނާ ވިދާޅުވިއެވެ.

ވެލާނާ އެއަރޕޯޓުގައި ފުލް ސްކޭލް އެކްސަސައިޒެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ މީގެ 3 އަހަރު ކުރިން 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން އައު ޓަރމިނަލް ހުޅުވި ގިނަ ޚިދުމަތްތަކަށް ބަދަލުއައިސްފައިވާއިރު، މިއީ އެއަރޕޯޓަށް އިތުރުވި ވަސީލަތްތައް ވަޒަން ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.