ކުޅިވަރު

ރަނގަޅަށް ކުޅުނީ އެންމެ ތިން ކުޅުންތެރިން: ފްލިކް


ރަޔޯ ވަޔެކާނޯއާ ބައްދަލުކޮށް ބާސެލޯނާ ރޭ 1-1 އިން އެއްވަރުވި މެޗުގައި ރަނގަޅަށް ކުޅެފައިވަނީ އެންމެ ތިން ކުޅުންތެރިން ކަމަށް ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ ބާސެލޯނާގެ ޓީމުގެ ފެންވަރާ ގާތަށް ވެސް މެޗުގައި ކުޅެފައިނުވާ ކަމަށެވެ. މި ގޮތުން އާއްމުކޮށް ޓީމު ކުޅޭ ސްޓައިލްގައި ނުކުޅެވުނުއިރު ގިނަ ކުޅުންތެރިންގެ ފަރާތުން ވެސް އޭނާ އެންމެ ހިތްހަމަޖެހޭ ފެންވަރު ފެނިފައިނުވާ ކަމަށެވެ.

"އެރިކް (ގާސިއާ) އާއި އަންދްރޭސް (ކްރިސްޓިއަންސެން) އަދި ގޯލްކީޕަރު ޖޯން (ގާސިއާ) އެކަނި އަހަރެން ހިތްހަމަ ޖެހޭ ފަދަ ކުޅުމެއް ދެއްކީ. މެޗުގައި އަހަރުމެން އާއްމުކޮށް ޝޫޓް ކުރާ ލެވެލްގައި އެޓޭކްތަކެއް ނުފެނުނު. ވަރަށް ދެރަވަރުކޮށް ގިނަ ހަމަލާތައް ވެސް ދިޔައީ. މިއީ ކުރިމަގުގައި އަހަރުމެން ވިސްނަންޖެހޭ ކަމެއް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޓީމުގައި މައްސަލަ އުޅުނީ މެދުތެރެ އާއި އެޓޭކްގައި ކަމަށެވެ. މި ގޮތުން އާއްމުކޮށް ބާސެލޯނާ ކުޅޭ ކުޅުމާ ގާތަށް ވެސް ކުޅެފައިނުވާ ކަމަށެވެ.

"މެދާއި ކުރީގައި މައްސަލަ އުޅުނީ. މެދުތެރެއިން ކުރިއަށް ރަނގަޅު ބޯޅަތައް ވެސް ނުދެވޭ. އަދި ކުރީގައި އަހަރުމެންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު. އާއްމުކޮށް އަހަރުމެން ގޯލަށް ޖަހައި އުޅޭ ފެންވަރަށްވުރެ ދަށްކޮށް ކުޅުން ފެނުނީ. މި ކުޅުމާމެދު އަހަރެން ހިތްހަމަ ނުޖެހޭ،" ކޯޗު ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މި ސީޒަން ފެށީ ރަނގަޅަށެވެ. ނަމަވެސް މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި ނަމަވެސް ރޭގެ މެޗު އެއްވަރުވުމުން އެ ޓީމަށް ޓޭބަލުގެ އެއްވަނަ ގެއްލޭނެ އެވެ. ކޯޗު ބުނީ ރޭގެ މެޗަކީ ބާސެލޯނާ އަށް ތިން ޕޮއިންޓް ހައްގުވާ މެޗެއް ނޫން ކަމަށެވެ.