ޚަބަރު

ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި


  • މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން

  • އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓެއް ލާފައި

  • ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައި

ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތިލަފުށީގައި ތަރައްޤީކުރާ ކޮންޓައިނަރ ޑެޕޯއަކީ 2000 ކޮންޓެއިނަރުގެ ޖާގައިގެން ތަނެކެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ވިދާޅުވީ، ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓެއްލުމާއި، އިތުރު 15 މީޓަރުގެ ތޮއްޓެއްލުމުގެ މަސައްކަތުގެ އިތުރުން، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައެވެ.

ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު ތަރައްޤީކުރުމުގެ މަސައްކަތަކީ، މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، އޮޕަރޭޝަންސް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތް ނިމުމާއެކު އެމްޕީއެލްއިން އެތަނުގައި ވޯރކްޝޮޕާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިޓް ޕޯސްޓައް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އަމާޒަކީ 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އައު ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕޯޓުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުތެރޭ ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެޕްއެލްއިން ދަނީ ކުރަމުންނެވެ.

އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ މަސައްކަތުގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމޭއިރު، މާލެ ވިޔަފާރި ބަނދަރަށް އަދި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެކަމަށް އެމްޕީއެލްއިން ޤަބޫލުކުރައްވައެވެ. އަދި މިއީ މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހައެއް ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.