ކުޅިވަރު

ފީފާ ރޭންކިންގައި ކުރިއަރަން ލަންކާ ބޭނުމީ ރާއްޖެ ބަލިކުރަން


ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ފީފާގެ ރޭންކިންގައި ކުރިއެރުން ހޯދުމަށް ރާއްޖެއާއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗަކީ މުހިންމު މެޗުތަކެއް ކަމަށް ސްރީ ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.

އެ ޖަމާއަތުގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ ލަންކާގެ ފުޓްބޯޅަ މިހާރު ވަނީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ރާއްޖެއާއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗަކީ މުހިންމު ތަޖުރިބާއަކަށްވާނެ ކަމަށެވެ.

ލަންކާ މި ވަގުތު އޮތީ ފީފާ ރޭންކިންގެ 196 ވަނައިގައެވެ. ރާއްޖެ އޮތީ ރާއްޖެ އޮތީ 171 ވަނައިގައެވެ.

ޖަސްވާރު ވިދާޅުވީ ރާއްޖެ އާއި ލަންކާ މި މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ކުޅޭ ދެ މެޗުން މޮޅުވާ ޓީމަކަށް ތައްޓެއް ހުށަހެޅީ ވެސް ފޯރިގަދަ ކުރުމަށް ކަމަށެވެ.

"އަހަރުމެން ބޭނުންވަނީ ފީފާ ރޭންކިންގައި ކުރިއަށްދާން. އަހަރުމެން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަނީ އެ ކަން ކާމިޔާބު ކުރަން. ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗަކީ އަހަރުމެންނަށް ކާމިޔާބު ނުކުރެވޭނެ މެޗުތަކެއްނޫން. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް އެ މީހުން މޮޅުވީ ވަރަށް ހަނިގޮތަކަށް،" ޖަސްވާރު ވިދާޅުވި އެވެ.

ޖަސްވާރު އުމަރު ވިދާޅުވީ މި ދެ މެޗަށް ދީފައިވާ ނަމަކީ ދެކުނުއޭޝިޔާގެ ސުޕަ ކަޕް އެވެ. މި ގޮތަށް ހެދީ ކުރިން ބާއްވަން އުޅުނު މުބާރާތްކެންސަލްވި ނަމަވެސް މެޗުގެ ފޯރިގަދަކޮށް ވާދަވެރިކަން ބޮޑުކުރުމަށެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗުކުލޭނީ އަންނަ އަންގާރަ ދުވަހު އެވެ. ޖަސްވާރު ވިދާޅުވީ ލަންކާގެ އަމާޒަކީ މި ދެ މެޗުން ވެސް މޮޅުވުން ކަމަށެވެ.

މި މެޗަށް ލަންކާ ޓީމު ވެސް މިހާރު ވަނީ ފަރިތަކުރަންފަށައިފަ އެވެ. އަދި ރާއްޖޭގެ ގައުމީ ޓީމު ވެސް ވަނީ ޒުވާން ޓީމަކާއެކު ތައްޔާރުވާން ފަށައިފަ އެވެ. ޓީމުގެ އައު ކޯޗަކީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.