ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ވެނެޒުއޭލާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަކީ އަމިއްލަ ގައުމުގައި މެސީ އާޖެންޓީނާ އަށް ކުޅޭނެ ރަސްމީ ފަހު މެޗު ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކެލޯނާ ބުނެފި އެވެ.
މިރޭ ރާއްޖެ ގަޑިން ފަތިހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އާޖެންޓީނާ ނިކުންނައިރު ގައުމީ ޖާޒީގައި އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެސީ ކުޅޭ ރަސްމީ ފަހު މެޗަށް މި މެޗު ވެގެންދާއިރު މެސީ އަށް މި މެޗު ހާއްސަ ކުރުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފަ އެވެ.
2005 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެން ފެށި ފަހުން ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި މެސީ ވަނީ ގައުމީ ޓީމަށް ކުޅުނު 193 މެޗުގައި 112 ލަނޑު ޖަހާފަ އެވެ.
ކޯޗު ލިއޮނެލް ސްކެލޯނާ ބުނެފައިވަނީ މިއީ އާޖެންޓީނާގައި މެސީ ކުޅޭ ރަސްމީ ފަހު މެޗަށްވީ ނަމަވެސް ކުރިއަށް އޮތް ވޯލްޑްކަޕްގެ ކުރިން އާޖެންޓީނާގައި އެކުވެރިކަމުގެ މެޗެއް ރާވާ އެ މެޗުގައި މެސީ ކުޅުމަކީ ވެދާނެ ކަމެއް ކަމަށެވެ.
ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ވެނެޒުއޭލާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުމަށްފަހު އަންނަ ހަފްތާގައި ކޮލިފައިންގެ ފަހު މެޗުގައި ރަށުން ބޭރުގައި ނިކުންނާނީ އިކުއެޑޯ އާއި ދެކޮޅަށެވެ.
އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު އެ މުބާރާތުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.