ސްރީލަންކާ އާއި ރާއްޖެ ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕަށް ރާއްޖޭގެ ސީނިއާ ޤައުމީ ޓީމު ސްރީލަންކާއަށް ފުރައިފިއެވެ.
މިއަދު ހެނދުނު ޓީމު ފުރިއިރު ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު އާއި އޭފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤް އާއި އެފްއޭއެމްގެ އިސްވެރިން ވަނީ މާލޭ ބަސް ޓާމިނަލުން ޓީމާއި ބައްދަލުކުރައްވާ ކާމިޔާބީއަށް އެދިވަޑައިގެން ހިއްވަރު ދެއްވާފައެވެ.
ރާއްޖެ އާއި ލަންކާ ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮންނާނީ ހުކުރު ދުވަހު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.
މިއީ ލަންކާއިން ވޯލްޑްކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރޭވި މެޗުތަކެކެވެ. ލަންކާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ކޮލިފައިންއަށް ތައްޔާރުވުމަށް ހަތަރު ގައުމުގެ މެދުގައި ސުޕަ ކަޕް ކުޅުމަށެވެ. ނަމަވެސް ފަހުން އެ އަދަދު ތިނަކަށް ބަދަލުކުރި އެވެ. އެންމެ ފަހުން ރާއްޖެ އާއި ލަންކާ އެކަނި މެޗުތަކެއް ކުޅެން ޖެހުނީ ފަހު ވަގުތު ބޫޓާނަށް ލަންކާއަށް ނާދެވުމުންނެވެ.
މި މެޗަށް ދިވެހި ކުޅުންތެރިން ދިޔައީ މި ދެމެޗުން ރާއްޖޭގެ ސަޕޯޓަރުންނަށްޓަކައި ރަނގަޅު ނަތީޖާ ހޯދުމުގެ އަޒުމުގައެވެ. އެންމެ ފަހުން ރާއްޖޭގެ ގައުމީ ޓީމު ލަންކާއައި ދެކޮޅަށް ކުޅުނީ 2022 ވަނަ އަހަރު އޭޝިއަންކަޕް ކޮލިފައިންގައެވެ. އެ މެޗު ރާއްޖޭން ކާމިޔާބުކުރިއިރު ރާއްޖެއާއި ދެކޮޅަށް ކުޅުނު 22 މެޗުގެ ތެރެއިން ލަންކާއަސް ކާމިޔާބު ކުރެވުނީ އެންމެ ތިން މެޗެވެ.
އެންމެފަހުން ސްރީލަންކާގައި ރާއްޖެ އެ ގައުމާއި ދެކޮޅަށް ކުޅުނީ ސްރީލަންކާ ފޯ ނޭޝަންސް ކަޕްގައި 2021ގައެވެ. އެ މެޗުގައި ލަންކާއިން ވަނީ ރާއްޖެ 4 ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރާ އެއްވަރު ކޮށްފައެވެ. އަދި އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި އޭގެ މަހެއްހާ ދުވަސް ކުރިން ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ލަންކާ ބަލިކޮށްފައެވެ.
6 ދުވަހުގެ ފަރިތަކުރުންތަކަށްފަހު މި މެޗަށް ޤައުމީ ޓީމު ނިކުންނައިރު ރާއްޖޭގެ ތަޖްރިބާކާރު ގިނަ ކުޅުންތެރިން ހިމެނޭ ޤައުމީ ޓީމުގެ އައު ކޯޗަކީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އެސިސްޓަންޓް ކޯޗުންނަކީ އަޙްމަދު ޝާކިރު (ޝާކިއްޓެ) އާއި އަޙްމަދު ސުޒެއިރު (ކޮއްކޮ) އެވެ.
ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ގައުމީ ކީޕަރުން ކަމަށްވާ އަސްލަމް އަބްދުއްރަހީމާއި އިމްރާން މުހައްމަދެވެ. ޓީމުގެ މެނޭޖަރަކީ ޓީސީ ސްޕޯޓްސްގެ ކުލަބުގެ އަހުމަދު އައްބާސް އެވެ.