ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު ހަރަކާތެއް ފަށަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިކަން އެ ވުޒާރާއިން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިއަށްގެންދެއެވެ.
އެ އޮޕަރޭޝަނުގައި މިހާތަނަށް 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާއިރު ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭކަން ދެނެގަނެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވިއެވެ. އެއީ ވަޒީފާދޭ ފަރާތުގެ އިހުމާލުވުން ފަދަ ސަބަބުތަކާހެދި ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ބިދޭސީން ކަމަށާއި އެހެންވެ، އެ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭން ބޮޑު ހަރަކާތެއް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ފިޔަވަހީގައި އަޅުގަނޑުމެން އެއްކޮށްފައިވާ މައުލޫމާތުގެ އަލީގައި އަޅުގަނޑުމެންނަށް ދެނެގަނެވުނު ގަވާއިދާ ޚިލާފަށް އުޅޭ ގިނަ ފަރާތްތަކެއް ރާއްޖޭގައި މިހާރުވެސް މަސައްކަތް ކުރަމުންދާކަން. އެހެންވެ، އެ ފުރުސަތު (ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު) މި ވިންޑޯ ހުޅުވާލީމަ ފުރުސަތުގެ ބޭނުން ހިފައިގެން ގަވާއިދުގެ ތެރެއަށް ވަނުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އެކިއެކި ހާލަތްތައް ކުރިމަތިވެގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ އިހުމާލު އޮވެގެން ނަމަވެސް ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ފަރާތެއް ތިބޭނެކަމަށް." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވިއެވެ.
އަބްދުލްމަޖީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދޭން ނިންމާފައިވަނީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. އެ މުއްދަތުގައި ހުޅުވާލާ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުންވެސް ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދެއެވެ. މި އޮޕަރޭޝަނުގެ ދަށުން ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތް ކުރާ ތަންތަން ބަލައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދަނީ ޑީޕޯޓް ކުރަމުންނެވެ.