ޚަބަރު

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން: ޒަޔާން ޒަކީ އާއި ނިބާލް ފައިނަލަށް


ދި ބެޓްމިންޓަން ކުލަބުން އިންތިޒާމުކޮށްގެން ކުޅިވަރު އެކުވެނީގައި ކުރިޔަށްދާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލަށް ރިވައިވަލް ސްޕޯޓްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗު ނިބާލް ކާމިޔާބުކުރީ ރިވައިވަލްގެ ހައިޝަމް އިބްރާހިމް އަލީ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނިބާލް ގެންދިޔައީ 03-21، 12-21 ންނެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ރިވައިވަލްގެ ޒަޔާން ޒަކީ އާއި ހަސަން ޒަޔާން މުހައްމަދެވެ. މި މެޗު ޒަޔާން ޒަކީ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަސަން ޒަޔާން ކާމިޔާބުކުރީ 11-21 ނެވެ. ފަހު ދެ ސެޓުގައި ކުޅުން ރަނގަޅުކޮށް ޒަޔާން ޒަކީ ވަނީ 13-21 އަދި 12-21 ން ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުގެ ގައުމީ މުބާރާތުގެ ފައިނަލްގައިވެސް ބައްދަލުކުރި ނިބާލް އާއި ޒަޔާން މި މުބާރާތުގެ ފައިނަލުގައި ނިކުންނާނީ އަންނަ ހޮނިހިރުދުވަހުއެވެ.

ނިބާލް އަކީ 2022 ވަނަ އަހަރު ޒަޔާން ބަލިކޮށް ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ. އެހެންނަމަވެސް ޒަޔާން ޒަކީ ވަނީ 2023 ވަނަ އަހަރު ޤައުމީ މުބާރާތުގެ ފަިއނަލްގައި ނިބާލް ބަލިކޮށް އެ އަހަރުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އިއްޔެ ވަނީ އުމުރުފުރާ ކެޓަގަރީގެ ކުޅުން ކުރިޔަށް ގެންގޮސްފައެވެ. އަށް ގައުމަކުން 347 ކުޅުންތެރިން ވާދަކުރާއިރު މި މުބާރާތުގައި 700 މެޗު ކުޅޭނެއެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވާ ޤައުމުތަކަކީ އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ޕާކިސްތާނެވެ.

މިމުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންވެސް ވާދަކުރާނެއެވެ. މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި މިމުބާރާތްކުރިއަށްދާއިރު، މިމުބާރާތުން ސިންގަލްސް އަދި ޑަބަލްސް ކެޓަގެރީގެ މެޗުތައް ފެނިގެންދާނެއެވެ.

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި ކުޅުންތެރިން ވާދަކުރާ ކެޓަގަރީތަކުގެ ތެރޭގައި އޯޕަން، ސްޕެޝަލް އޮލިމްޕިކްސް، ޕެރަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ 9 އަހަރުންދަށާއި، 11 އަހަރުންދަށާއި، 13 އަހަރުންދަށާއި، 15 އަހަރުންދަށާއި، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުންތެރިންނެވެ. މިއީ ގިނަ އެކަޑަމީތަކަށް ފުރުސަތުދީގެން ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ.