ކުޅިވަރު

ޝޫޓިންގެ ގައުމީ ރިކޯޑެއް އީޝާ މުގުރާލައިފި


މިހާރު ކުރިއަށްދާ ގައުމީ ޝޫޓިން ޗެމްޕިއަންޝިޕުގެ އެއަރ ރައިފަލް އަންހެނުންގެ ޕްރޮފަޝަނަލް ކެޓަގަރީގައި ވާދަކޮށް ޢާއިޝަތު އީޝާ ޝަހީދު ގައުމީ ރިކޯޑެއް މުގުރާލައިފިއެވެ.

އީޝާ މި ރިކޯޑު ހަދާފައިވަނީ 609.6 ޕޮއިންޓު ހޯދައިގެންނެވެ.

މި ރިކޯޑު ކުރިން އޮންނަނީ 605.9 ޕޮއިންޓާއެކު ޝަރަފިއްޔާ ޢަބަދުއްރަހުމާނުގެ އަތުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 2022 ވަނަ އަހަރު ޗައިނާގެ ހެންޖޯގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްސްގައެވެ.

ގައުމީ ޝޫޓިން ޗެމްޕިއަންޝިޕު ފަށާފަވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. ޒުވާނުންގެ މަރުކަޒުގައި އަންނަމަހުގެ 2 ވަނަ ދުވަހާއި ހަމައަށް މުބާރާތް ކުރިއަށްދާނެއެވެ. މިމުބާރާތުގައި ޖުމްލަ 167 ބައިވެރިން އަންނަނީ ވާދަކުރަމުންނެވެ.

މިމުބާރާތުގައި ހަތަރު ކެޓެގަރީއެއްގައި ޝޫޓަރުންދަނީ ވާދަކުރަމުންނެވެ. އެއީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާއި ކުރިން ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮފެޝަނަލް ކެޓެގަރީ އާއި، 12 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އޯޕަން ކެޓެގަރީ އާއި، 16 އަހަރާއި 21 އަހަރާ ދެމެދަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޖޫނިއަރ ކެޓެގަރީގެ އިތުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ޔޫތު ކެޓެގަރީއެވެ.

އާންމުންނަށް ހުޅުވާލައިގެން މިމުބާރާތް ބާއްވާ މިއީ ދެވަނަ އަހަރެވެ.