އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,229,419 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1,287,850 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 4.5 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި ހިންގާ ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް 159,537 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 161,766 ފަތުރުވެރިންނާ އަޅާ ބަލާއިރު 1.3 އިންސައްތަ ދަށް އަދަދެެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,911 ފަތުރުވެރިން ޒިޔާރާތްކުރެއެވެ.
* ޗައިނާ: 210,109 ފަތުރުވެރިން
* ރަޝިއާ: 175,814 ފަތުރުވެރިން
* އިނގިރޭސިވިލާތް: 96,179 ފަތުރުވެރިން
* އިޓަލީވިލާތް: 78,982 ފަތުރުވެރިން
* ޖަރުމަނުވިލާތް: 75,550 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 1,213,842 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 1,199,442 ފަތުރުވެރިން ރާއްޖެއަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން އެތެރެވެފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވަނީ ގަން އިންޓާނޭޝަނަލް އެއާޕޯޓުންނެވެ. އެއީ މުޅި ޖުމްލަ 4,475 ފަތުރުވެރިންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ މިދިޔަ އަހަރަށް ވުރެ ފަތުރުވެރިންގެ އަދަދު ދަށް ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.